މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު، ސައުދީ ސްޕަރ ކަޕް ސެމީފައިނަލުގައި އަލް އިއްތިހާދު އަތުން 3-1 އިން ބަލިވެ މުބާރާތުން ރޭ ކަޓައިފިއެވެ.

އިއްތިހާދުގެ މިމޮޅާއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ މިސީޒަނުގައި އެކްލަބާ ހަވާލުވި ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗް ނޫނޯ އެސްޕިރީޓޯ ސަންޓޯއަށެވެ. ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ވޮލްވުސް އަދި ޓޮޓެންހަމް އިރުޝާދު ދީފައިވާ ނޫނޯ އެސްޕިރީޓޯއަކީ ޔޫރަޕުގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.

މިމެޗުގައި ފުރަތަމަ ދެލަނޑު ޖެހީވެސް އަލް އިއްތިހާދުންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ފޯވާޑް ރޮމާރީނިއޯއެވެ. ދެވަނަ ލަނޑު، ފުރަތަމަ ހާފް ނިމެން ދަނިކޮށް ކާމިޔާބު ކޮށްދިނީ މޮރޮކޯ ގައުމީ ޓީމުގެ ފޯވާޑް އަބްދުއްރައްޒާޤް ހަމްދުﷲ އެވެ.

ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް އަލް ނަސްރުން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިގޮތުން އަލް ނަސްރުގެ ބްރެޒިލް ފޯވާޑް ޓަލިސްކާގެ ލަނޑުން 67 ވަނަ މިނެޓުގައި ނަސްރުން ފަރަގު ކުޑަ ކުރިއެވެ. މިއާއެކު މެޗުގެ ފޯރިގަދަ ވެގެންދިޔައެވެ. އިއްތިހާދުން ފައިނަލުގެ ޖާގަ ޔަގީން ކުރީ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު މޮހަންނާދު އަލް ޝަންގީތީގެ ލަނޑުންނެވެ.

މެޗުގައި އަލް އިއްތިހާދުގެ ޑިފެންޑަރުން ވަނީ ވަރަށް ރަނގަޅަށް ރޮނާލްޑޯ މާކް ކޮށްގެން ކުޅެފައެވެ. މުޅި މެޗުގައި ލަނޑެއް ޖެހުމަށް ރޮނާލްޑޯއަށް ލިބުނީ އެންމެ ފުރުސަތެކެވެ. ގޯލާ ވަރަށް ކައިރީގައި ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި މިހަލާ އިއްތިހާދުގެ ކީޕަރު ހުށިޔާރުކަމާއެކު ދިފާއު ކުރީއެވެ. އަދި ކުޅުންތެރިން ބީޓް ކުރުމަށްފަހު އަރިމަތިން އޭރިޔާގެ ތެރެއަށް ރޮނާލްޑޯ މަސައްކަތް ކުރި ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް އިއްތިހާދު ޑިފެންޑަރުން ވަނީ ރޮނާލްޑޯ ހުއްޓުވާފައެވެ.

މިމެޗުގައި ކުޅިބަލަން ދަނޑަށް ވަދެ ތިބި ނަސްރުގެ ސަޕޯޓަރުން ވަނީ "މެސީ، މެސީ، މެސީ" ގޮވައި ރޮނާލްޑޯ އުނދަގޫ ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ. ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ، ނަސްރުން ގެންދިޔައީ މެސީ އެކްލަބަށް އާނބަސް ނުބުނުމުންނެވެ.