ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި އެމްއާރުއެމްގެެ ޒައީމް، ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ސްރީލަންކާގެ ރައީސްގެ އޮފީހުގައި ކަމަށް އެމްއާރުއެމުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ވަކިން ޚާއްޞަކޮށް، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ވިކްރަމަ ސިންހައާ ބައްދަލުވެޑައިގެންނެވި ހަނދުމަފުޅު އާކުރައްވައި، ރައީސް ވިކްރަމަ ސިންހައާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1984 ވަނަ އަހަރު ރައީސް މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް، ވިކްރަމަސިންހަގެ ވާހަކަފުޅުގައި، އެގައުމަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ޙާލަތުގައި ދިވެހިރާއްޖޭގެ ފަރާތުން އަބަދުވެސް ސްރީލަންކާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ސްރީލަންކާ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ [މިތުރަ ވިބޫޝަނަ އެވޯޑް] އެ ޤައުމުން ވަނީ 2008 ވަނަ އަހަރު ރައީސް މައުމޫނަށް އަރުވާފައެވެ. ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ސްރީލަންކާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި، އެމަނިކުފާނުގެ ދަރިކަލުން، އަދި އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.