އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި 1-0 އިން ވާދަވެރި އާސެނަލް ބަލިކޮށް މެންޗެސްޓަރ ސިޓީ މުބާރާތުގެ ކުއާޓާފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީއަށް 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނެދަލޭންޑްސް ގައުމީ ޓީމުގެ ޑިފެންޑަރު ނަތަން އާކޭއެވެ. އާސެނަލްގެ އޭރިޔާގެ ބޭރުން އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނިކުތްވަގުތު ލިބުނީ އޭރިޔާގެ ތެރޭގައި ހުރި ޖެކް ގްރީލީޝްއަށެވެ. ދެކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ޖެކް ބޯޅަ ދިނީ އާކޭއަށެވެ. އާކޭ ތިރިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ އޭނާގެ ކެރިޔަރުގައި ކަނާތު ފައިން ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއިން ނުރައްކާތެރި ދެހަމަލާ ސިޓީގެ ގޯލަށް އަމާޒުކޮށްލިއެވެ. އެކަމަކު ސިޓީގެ ގޯލު ބަލަހައްޓަމުން ދިޔަ ޖަރުމަނުގެ ކީޕަރު ސްޓެފަން އޮރްޓެގާ މިދެހަމަލާވެސް ދިފާއު ކުރީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ އާސެނަލް ކަމަށާއި އެކަމަކު ދެވަނަ ހާފުގައި ސިޓީއިން މެޗް ކޮންޓްރޯލް ކުރި ކަމަށެވެ. އަނެއްކޮޅުން މިއީ ގާޑިއޯލާގެ ކޯޗިންގ ކެރިޔަރުގައި އާސެނަލް އަތުން އޭނާ މޮޅުވި 18 ވަނަ މެޗެވެ. އެހެން ޓީމެއް އަތުން މިހާ ގިނައިން ގާޑިއޯލާ މޮޅުވެފައެއް ނުވެއެވެ.

އާސެނަލްގެ ކޯޗް އަދި ސިޓީގައި ގާޑިއޯލާގެ އެސިސްޓެންޓް ކޯޗަކަށް ކުރިން މަސައްކަތް ކުރި މައިކަލް އާޓެޓާ ބުނީ މެޗް ގެއްލިގެންދިޔައީ ޑިފެންސިވް ޑިސިޕްލިން ނެތުމުން ކަމަށެވެ. "މިއީ ދެރަ ނަތީޖާއެއް. މިއަށްވުރެ ރަނގަޅަށް މިމެޗް އަހަރެމެންނަށް ނިންމާލެވުނީސް. ޑިފެންސިވް ޑިސިޕްލިން ގެއްލިގެން މެޗް ބަލިވާން ދިމާވީ" އާޓެޓާ ބުންޏެވެ.

ސިޓީ އަތްދަށުވެ އެފްއޭ ކަޕުން ކެޓިނަމަވެސް އާސެނަލް އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގައި ސިޓީއަށްވުރެ އިތުރަށް 5 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައިކަން ފާހަގަ ކޮށްލެވެއެވެ.

ސިޓީ އާއި އާސެނަލް ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://www.youtube.com/watch?v=i5N8-BmXfMM