ކޮންގްރެސްއަށް ހުށަހަޅާފައިވާ މިގާނޫނުގެ ރޫހަކީ ޗައިނާއާ ދެކޮޅަށް އެމެރިކާގެ ވާދަވެރިކަން އިތުރުކޮށް، ޗައިނާއާ ވިޔަފާރިއާއި ސިނާއީ ގޮތުން ވާދަކުރެވޭ ގޮތް ހެދުމެވެ.

ނިއުޔޯރކް ސެނެޓަރ ޝާލްސް ޝޫމާ ހުށަހެޅުއްވި އެމެރިކާ ލީޑްސް އެކްޓްގައި، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް 350 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހުށަހަޅާފައި ވެއެވެ.

މި ބިލްގައި 300 ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ، ހަތަރު އަހަރުގެ ތެރޭގައި ސައިންޓިފިކް ރިސަރޗްގެ ކުޅަދާނަކަން އިތުރުކުރުމަށެވެ.

16 ބިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ ސެމީކޮންޑަކްޓަރ އުފެއްދުމުގެ ސިނާއަތް ހަރުދަނާ ކުރުމަށް އިންވެސްޓް ކުރާށެވެ.

125 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ހަރަދު ކުރުމަށެވެ.

މީގެ އިތުރުން މި ބިލްގައި އުއިގޫރު މުސްލިމުންނަށް އިހާނެތިކޮށް ހިތާ ފަރާތްތަށް ލިސްޓް ކޮށް އެމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އެމީހުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ފަރާތްތަކާ ބެހޭ ރިޕޯޓް އެމެރިކާ ރައީސާއި ޓްރެޜަރީ ޑިޕާޓްމަންޓުން އެކުލަވާލުމަށް އެންގުންވެސް ހިމެނެއެވެ.

މިބިލްގެ މަގްސަދުގެ ތެރޭގައި 5ޖީގެ އައު ޓެކްނޮލޮޖީއާއި އާރޓިފިޝަލް އިންޓެލިޖެންސް ތަރައްގީ ކުރުމާއި، ޗައިނާއިން އެމެރިކާގެ ފިކުރީ މުދާ ވަގަށް ނެގުމާ ދެކޮޅަށް ފިޔަވަޅު އެޅުމާއި އެމެރިކާގެ ބޭސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމާއި ޗައިނާއިން ފައިސާގެ ބާޒާރު ގަޑުބަޑުކޮށްލުމާ ދެކޮޅަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

މި ބިލަށް ކޮންގްރެސްގައި ދެފަރާތުންވެސް ތާއީދު ކުރާނެ ކަމަށް ބެލެވެއެވެ.