ސްރީލަންކާއިން ކޮވިޑް-19 ގައި މަރުވާ މީހުންގެ ހަށިތައް އަންދާލަން ފުރުސަތު ނުދީ ރާއްޖެ ގެނެސް ވަޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
މިކަމާ ގުޅިގެން ގާސިމް ވިދާޅުވީ މިކަމަކީ ޚިޔާލްތަފާތުވެ ވިސްނުން ދެބަސްވާންވީ ކަމެއް ނޫންކަމަށެވެ. މިކަމަކީ ބައިނަލް އަޤުވާމީ ހަމަތަކުން ބެލިކަމުގަިއ ވީނަމަވެސް އަދި އިންސާނީ ބުއްދިން ވިސްނިކަމުގައި ވީނަމަވެސް އެމީހުންނަށް ލިބެންގެންޖެހޭ ލާޒިމް ހައްގެއް ކަމަށް ގާސިމް ވިދާޅުވިއެވެ..
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއި އެކު ދީނުގައިވާ ގޮތަށް ކޮށްދެއްވުމަކީ އެދިވެގެންވާ ކަމެއްކަމަށެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު، މިކަމުގައި ރާއްޖޭގެ ބައެއް އިލްމުވެރިންނާއި ސިޔާސީ ލީޑަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތު ވެފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެހެން ގައުމުތަކުގައި ކޮވިޑް-19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.