އަންހެނުންނަށް އުގަންނައި ދިނުމާއި ހަތުރު ތާލިބާނުން ވަނީ މިއަހަރު ޔުނިވަރސިޓީ އެންޓްރެސް އިމްތިހާނުގައި އަންހެނުން ބައިވެރިވުން ހަރާން ކަމެއް ކަމަށް ކަނޑައަޅާފައެވެ. މުއްލާއިންގެ ބާރުގެ ދަށުގައި އޮތް ތާލިބާން ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ފަތުވާއެއް ޝާއިއުކޮށްފައެވެ.

ތާލިބާނުގެ މުއްލާއިން އަންހެނުން ތައުލީމުން މަހޫމު ކުރަމުން ދިއުމާ ގުޅިގެން އދގެ އެންމެ އިސް އަންހެން ޑިޕްލޮމެޓުންގެ ވަފްދެއްވެސް ތާލިބާނާ ބައްދަލުކުރަން ކާބުލްއަށް ދިޔައެވެ. އެ ވަފްދުން ބުނި ގޮތުގައި އަންހެނުން ފެނިގެން އަނގަ މަތީގައި އަތް އަޅައިގެން ރަކިވެފައި ތިބި ތާލިބާންގެ މުއްލާއިން ބައްދަލުވުމުގައި އެއްވެސް ވަރަކަށް އަންހެނުންނަށް ބަލާފައި ނުވާ ކަމަށެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސުންވެސް ވަނީ މުއްލާއިންނާ މިމައްސަލާގައި މަޝްވަރާއަށް ވަފްދެއްވެސް ފޮނުވާފައެވެ. ސައޫދީ އަންހެން ދަންނަބޭކަލުން ވަނީ ތާލިބާން މުއްލާއިންނަށް އަންހެނުންނަށް އުގަންނައި ދިނުމާ މެދު އިސްލާމް ދީނުން ދކޭ ގޮތް ލިޔެ ފޮނުވާފައެވެ.