ކޮވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ނިންމައިފިނަމަ އެކަންވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެ ވޭތާއީދަކަށް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެެވެ.

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާތީ، ކަމާބެހޭ ފަރާތްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޝްވަރާތައް ފައްޓަވައިފައެވެ.

މިކަމަށް ދިވެހި ސަރުކާރުން މަޝްވަރާތައް ފެށުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުމަށް ރާއްޖޭގެ ގިނަ އިލްމުވެރިންގެ ވަނީ ތާއީދު ކޮށްފައެވެ.

މަވެސް މި މައްސަލާގައި މައުމޫން އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މައުމޫން މިއަދު ވަނީ މި މައްސަލާގައި އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ރާއްޖެއިން ކޮށްދޭންޖެހޭނެ ކަމެއްނޫންކަމަށެވެ.

"ކޮވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެ ކަމެއްނޫން. އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭތާއީދަކަށް." މައުމޫން ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.