މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ކަމަށް ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސްކަަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސައިން ޝަގީފް އިންތިހާބު ކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް މީޑިއާ ކައުންސިލް އިންތިހާބުގައި އެމްއެމްސީގެ ރައީސަކަށް ޝަހުބާން އިންތިޚާބުވިއިރު، ނައިބު ރައީސަށް އިންތިޚާބުކޮށްފައިވަނީ ތިލަދުން އޮންލައިންގެ ޙުސައިން ޘަޤީފްއެވެ.

މީޑިއާ ކައުންސިލްގެ ރައީސް ކަމަށް ޝަހުބާން އިންތިހާބުވީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އަލީ ހުސެއިންނާއި އަމިއްލަ ގޮތުން ކައުންސިލަށް ހޮވުނު މުހައްމަދު ޝަފާއު ހަސަންއާ ވާދަކޮށްގެންނެވެ.

މެންބަރުންގެ މެދުގައި ނެގި ވޯޓުން ޝަހުބާނަށް ހަ ވޯޓު ލިބުނެވެ. އަލީ ހުސެއިނަށް ފަސް ވޯޓު ލިބުނު އިރު، ޝަފާއު އަށް ލިބުނީ ތިން ވޯޓެވެ.

ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލީ ޝަގީފް އެކަންޏެވެ. އޭނާ އިންތިޚާބު ކުރަން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެ ވޯޓުގައި ފެންނަ ކަމަށް 14 މެންބަރުންގެ ވޯޓު ވެސް ލިބުނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.

އެ މެމްބަރުން އިންތިހާބު ކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

.