އިންޑިއާގެ ބީޖޭޕީ ސަރުކާރުން ރިއާސީ ގަނޑުވަރުގެ ސަރަހައްދުގައި ހަދާފައވާ މުޣަލް ގާޑްންގެ ނަން ބަދަލުކޮށްފިއެވެ. މުޣަލް ވެރިކަމާ ދެކޮޅުވެރި ވާހަކަތަކާއެކު މީސްމީޑިއާގައި ހަރުކަށި ހިންދޫން ވަނީ އެކަމަށް އުފާފާޅުކޮށް މުޣަލް ވެރިކަމަކީ ޓެރަރިސްޓް ވެރިކަމެއް ކަމަށް ބުނެ ސިފަކޮށްފައެވެ.
އިންޑިއާގެ ރިއާސީ ގަނޑުވަރާއި ދިއްލީގެ ނަޔާ އިމާރާތްތަކާއި ތަންތަނަކީ އިނގިރޭސިން އަދި އޭގެ ކުރިން މުޣަލް ރަސްރަސްކަލުން ބިނާ ކުރި ތަންތަނެވެ. އެކަމަކު ރިއާސީ ގަނޑުވަރުގެ ސަރަހައްދުގައި މޮދީ ނަން ބަދަލުކުރި މުޣަލް ގާޑަންއަކީ މުޣަލް ދަރިކޮޅުން އާރާސްތު ކުރި ތަނެއް ނޫނެވެ. އެތަނަކީ ނަޔާ ދިއްލީ އާރާސްތުކުރި އިނގިރޭސި އާކިޓެކްޓް އެޑްވިން ލުޓްޔެންގެ އުފެއްދުމެކެވެ. އޭނާއކީ މުޣަލް ޑިޒައިން ކޮޕީކޮށްގެން އެއާއެއްގޮތް ވާގޮތަށް ނަޔާ ދިއްލީގެ ވެރިކަމުގެ އިމާރާތްތައް ފަރުމާކުރި މީހާއެވެ.
މުޣަލް ގާޑްންއަށް މިހާރު ދީފައިވާ ނަމަކީ އަމްރިތް އުޅަޔާންއެވެ.
އިންޑިއާގެ ރިއާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންއާއި އިންޑިއާ ގޭޓާއި އެހެން މުހިންމު އިމާރާތްތަކުގެ މޭސްތިރިއަކީ ލުޓްޔެންއެވެ.
ރާޝްތްރަޕަތީ ބަވަން އިނގިރޭސިން ބިނާ ކުރީ ވައިސްރޯއީގެ ގަނޑުވަރުގެ ގޮތުގައެވެ.
އިންޑިއާގެ މުޣަލް ވެރިކަން މަޝްހޫރުވެފައި ވަނީ ކުރިން ހިންދީ އިންޑިއާއިން ދެކެފައި ނުވާ ވައްތަރަށް އައު ޑިޒައިނަށް ސިޓީތައް ބިނާ ކުރުމާއި ބޮޑެތި އިމާރާތްތަކާއި ބަގީޗާތައް ބިނާކުރުމުގައެވެ.