ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑަށް ރޭ މޮޅެއް ނުލިބުމުން، ވާދަވެރި ބާސެލޯނާއަށް ތާވަލުގެ ކުރީގައި 5 ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

ރެއާލްގެ ސެންތިއާގޯ ބެރްނަބާއޫގައި ކުޅުނު މިމެޗުގައި ރެއާލްއިން ވަނީ މުޅި މެޗް ކޮންޓްރޯލްކޮށް ސޮސިއެޑާޑުގެ ގޯލަށް 20 ހަމަލާ ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރެއާލްގެ ވިނީޝިއަސްއަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކެޕްޓަން ކަރީމް ބެންޒެމާ ހުސްކޮށްލާފައި ވިނީޝިއަސްއަށް އޭރިޔާގެ ތެރެއިން ދިން ބޯޅަ އޭނާ ފޮނުވާލުމުން ސޮސިއެޑާޑުގެ ކީޕަރު އެލެކްސް ރެމިރޯ ވަނީ ދިފާއު ކޮށްފައެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ވިނީޝިއަސްއަށް ހުސްކޮށް ލިބި ފޮނުވާލި ދެހަމަލާވެސް ރެމިރޯ ވަނީ ދިފާއު ކޮށްފައެވެ.

ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ މެޗަށްފަހު ބުނީ މިއީ މިސީޒަނުގައި ރެއާލް އެންމެ މޮޅަށް ކުޅުނު އެއްމެޗް ކަމަށާއި މިމެޗް އެއްވަރުވިނަމަވެސް އޭނާގެ އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ. "ވަރލްޑް ކަޕް ބްރޭކަށްފަހު ސީޒަން އަލުން ފެށިއިރު އަހަރެމެންގެ ކުޅުން ހުރީ ވަރަށް ދަށްކޮށްް. އެކަމަކު މިއީ މިސީޒަނުގައިވެސް އަހަރެމެން އެންމެ މޮޅަށް ކުޅުނު އެއްމެޗަށްވާނެ. ލަނޑެއް ނުޖެހުނީ ނަސީބު އެހީނުވުމުންނޭވެސް ބުނެވިދާނެ. ސީޒަނުގެ ގިނަ މެޗުތަކެއް ކުރިއަށް އަދިވެސް އެބަހުރި. ތާވަލުގެ ކުރީގައި ބާސެލޯނާ އޮތީ ވަރަށް ފޯމުގައިވެސް ގަބޫލް ކުރަން. ސީޒަން ވަރަށް ދިގު، މިސްކޮޑާމެދު އަހަރެންގެ އިތުބާރު އެބައޮތް ލީގް ޗެމްޕިއަންކަން ހޯދޭނެ ކަމާމެދު" އަންޗެއްޓީ ބުންޏެވެ.

ލަލީގާގެ އެއްވަނައިގައި ބާސެލޯނާ އޮތީ 47 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 42 ޕޮއިންޓާއެކު ރެއާލް އޮތްއިރު، 39 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑެވެ.