މިއަދަކީ ހައްދުފަހަނައަޅާފައިވާ ހިންދީއެއްގެ ވަޒަނަކުން އިންޑިއާގެ "ބައްޕަ" މަހާތުމާ ގާނދީ އަވަހާރަކޮށސްލި ދުވަހެވެ. އޭނާ އަވަހާރަ ކޮށްލި މީހާ ނާތޫރާމް ގޮޑްސީއަކީ މިހާރު ހައްދުފަހަނައަޅާފައިވާ މީހުންގެ މެދުގައި ބަތޮލެކެވެ. މަހާތުމާ ގާނދީ އަވަހާރަ ކުރި ހާދިސާއަށް 75 އަހަރު ފުރޭއިރު މަހާތުމާ ގާނދީ ގޮވާލެއްވި އަނިޔާވެރި ނުވުމާއި މުޖުތަމައުގައި ތަފާތު ދަރިކޮޅާއި ދީން އެއްކޮށް އުޅުމަށް ގޮވާލެއްވި ފަލްސަފާ ވަނީ އިހުނަށް ވުރެން އިންޑިއާއަށް މުހިންމު ފިކުރަކަށް ވެފައެވެ.

މަހާތުމާ ގާނދީގެ ގޮވާލުމާއި ފިކުރު ވެގެން ދިޔައީ ތަފާތު ބަސްބަހާއި ދަރިކޮޅާއި ނަސްލުގެ ވިސްނުމާއި ވިންދު ފަހަނައަޅައި އިންޑިއާގެ ތަފާތު އެންމެން އެކަތިގަނޑަކަށ ހެދި ފިކުރަކަށެވެ. އަދި އެއީ ދުނިޔެއިންވެސް ބަލައި ގަތް ފިކުރެކެވެ.

ދުނިޔޭގެ ތަފާތު ވައްތަރުގެ ލީޑަރުން އައިސް ހާލަތު ބަދަލުކޮށްފައި ވެއެވެ. އެހެންނަމަވެސް މަހާތުމާ ގާނދީ އަކީ އިންޑިއާ ޚާއްސަ ގޮތަކަށް ބަދަލު ކުރެއްވި ލީޑަރެކެވެ. އިންޑިއާގެ އެންމެ ދަށް ފަންތީގެ މީހުންނަށްވެސް އެމީހުންގެ ޝަޚުސިއްޔަތާއި ގައުމީ ވަންތަކަން އޭނާ އިހުސާސް ކޮށްދެއްވައި އެމީހުންނަކީ އިންޑިއާގެ މުޖުތަމައުން ބައެއް ކަން އޭނާ އިހުސާސް ކޮށްދެއްވިއެވެ.

އިންޑިއާގެ ޑިމޮކްރެސީ ކާމިޔާބުވެ އެންމެ ދަށު ފަންތީގެ މީހުންނަށްވެސް އިންޑިއާގައި ރަށްވެހިވަންތަކަން އިޙުސާސް ވެގެން ދިޔައީ އޭނާގެ މަސައްކަތުންނެވެ.

ގަނދީއަކީ ސިޔާސީ މަގްސަދު ޙާސިލު ކުރުމަށް އަނިޔާވެރި ދެކޮޅުވެރި ހަރަކާތެއް ނުގެންގުޅުމަށް ވަކާލާތު ކުރެއްވި ލީޑަރެކެވެ. އިނގިރޭސިންގެ އިސްތިއުމާރާ އޭނާ ދެކޮޅު ހައްދަވައި ކުރިމަތި ލެއްވީ އާދަޔާ ޚިލާފް ރޫހެއްގައެވެ. ކުރިން އެފަދަ ހަރަކާތެއް ފެނިފައެއް ނުވެއެވެ. ޚުދު އިނގިރޭސިންވެސް ހައިރާން ކޮށްލިއެވެ.

މަހާތުމާ ގާނދީގެ ފިކުރަކީ ޝިއާރަކަށް ވުރެން ބޮޑަށް އިންޑިއާއިން މިފައްތަރުގައި އަމިއްލަ ކުރަން ޖެހިފައި އޮތް އިބުރަތް ހާސިލު ކުރަން އޮތް ވިސްނުމެކެވެ.