އުމުރުން އެންމެ 13 ރަބީޢުގެ ޒުވާނެކެވެ. އެކަމަކު އޮޓޮމެޓިކް ފިސްތޯލަކުން އޭނާ މަރާލީ ތިންމީހުންނެވެ. އެކަކަކީ ޒަޔަނިސްޓު ސިފައިންގެ މީހެކެވެ. މަޙުމޫދު ޢަލީވާތު ޝަހީދު ކޮށްލެވުނެވެ.

މަޙުމޫދު ޢަލީވާތަކީ އިއްޔެ އުފަންވި ފަލަސްތީނުގެ ޒުވާނެކެވެ. އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްޙަވެރި ޖީލެއް ދެން ބިނާވާން ފަށާނެ ކަމަށް ބުނެ ސޮއި ކުރި އޮސްލޯ މުއާހަދާގެ ފަހުން ކައިވެނި ކުރި ދެމަފިރިއަކަށް ލިބުނު ޅަ ދަރިއެކެވެ.

މަހުމޫދު ޢަލީވާތު ޝަހީދު ވިއިރު، އޮސްލޯ މުޢާހަދާގެ ހާލަކީވެސް ޔަހޫދީންނަށް ކަތިލަން ﷲ އެންގެވި ގެރީގެ ވާހަކައަށް ވުރެން ވަކި ތަފާތު އެއްޗެއް ނޫނެވެ. އެވެރިންނަކީ އަބަދުވެސް ކުރިން ބުނި އެތި ކެންސަލް ކޮށް އަލުން މުއާހަދާތައް މުރާޖައާ ކުރުމަށް ގޮވާލާ ބައެކެވެ. އެހެންވެ، ޒަޔަނިސްޓުންނެވެ.

ޢަލީވާތު ޝަހީދު ކުރުމަށްފަހު އޭނާގެ އާއިލާ ގެއިން ނެރެލައި ގޭގެ ދޮރުތައް ބަންދުކޮށް ސިިލު ޖެއްސެވެ. އޭނާގެ އިސްކޫލު ފޮތްތައް ދިރާސާ ކުރުމަށް ގެންދިޔައެވެ. އެ ފޮތްތައް ދިރާސާ ކުރި މީހުން ހައިރާންވީ ޖިހާދުގެ ވާހަކައާއި ގައުމީ ލޯބި އަދި ގައުމުގެ ދިފާއުގައި ޖިހާދު ކުރުމުގެ ވާހަކަތައް ލިޔެފައި އޮތުމުންނެވެ. ފޮތްތަކުގައި ބައޮލޮޖީވެސް ކިޔަވައި ދީފައި ވަނީ ޒަޔަނިސްޓް ސިފައިންގެ މީހެއް ބޮމެއް ގޮއްވާލުމުން ގުނަވަންތައް ފެންނަން ހުންނަ ގޮތް ކިޔައިދެމުން ކަމަށް މި ފޮތްތައް ބަލާފައި ވާހަކަ ދެއްކި އިޒްރޭލު ތަޖުރިބާކާރުން ބުންޏެވެ. ގްރެވިޓީވެސް ކިޔަވައި ދީފައި ވަނީ އިޒްރޭލު ސިފައިންގެ މީހަކު އެކޮޅު ކޮޅުން އެލުވާލީމާ އޮންނާނެ ގޮތުގެ މިސާލު ދައްކާފައެވެ. އިސްތިއުމާރެއްގެ ދަށުގައި އޮތް މިނިވަންކަމަށް ޣީރަތް ތެރި ބަޔަކު އެނޫން ގޮތަކަށް ފޮތްތައް ލިޔޭ ބާވައޭ ހިތަށް އަރައެވެ.

އަލީވާތު ޝަހީދު ކުރުމަށްފަހު ދެން ސުއާލު އުފެދުނީ ބެލްޖިއަންގައި އުފައްދާފައިވާ މޮޅު އޮޓޮމެޓިކް ފިސްތޯލައެއް 13 އަހަރުގެ ކުއްޖެއްގެ އަތަށް އަރަނީ ކިހިނެއް ހެއްޔެވެ؟

އިޒްރޭލު މީޑިއާގެ ޑިސެމްބަރު މަހު ރިޕޯޓެއް ބުނާ ގޮތުން ފަލަސްތީނު މީޙުން ގެންގުޅެނީ އެންމެ ފަހުގެ ޒަމާނީ އޮޓޮމެޓިކް ހަތިޔާރެވެ.

ފަލަސްތީނުގެ ސަރުކާރުން ބުނަނީ ފަލަސްތީނު މީހުން ބޭނުން ކުރަނީ އިޒްރޭލު ސިފައިން ބޭނުން ކުރާ ބާވަތުގެ މޮޅު ހަތިޔާރު ކަމަށެވެ. އެވާހަކައާ ދެކޮޅަށް އިޒްރޭލުން ބުނަނީ އެ ހަތިޔާރަކީ އިރާގުން އެމެރިކާ ސިފައިން ފައިބައިގެން ދަމުން ދޫކޮށްފައި ދިޔަ އެމެރިކާގެ އުފެއްދި ހަތިޔާރުތައް ކަމަށެވެ.

މިދިޔަ އަހަރު އެކަނިވެސް ފަލަސްތީނުގެ ސަރަހައްދުގައި ޒަޔަނިސްޓް އަމާޒުފަތްގަނޑުތަކާ ދެކޮޅަށް 300 ހަމަލަ ދީފައި ވެއެވެ. އެއީ އިޒްރޭލަށް ކަން ބޮޑު ވުމެކެވެ. އެއާއި އަދި އެނޫންވެސް އެހެން ހާދިސާތަކާ ހެދި އިޒްރޭލު ސިފައިންނަށްވެސް ޕްރެޝަރުތައް ބޮޑު ވެއެވެ. އިއްޔެވެސް ހުލަނގު އައްސޭރީގައި އިޒްރޭލުގެ ދެ ބްރިގޭޑެއްގެ އިސްވެރިން ފޯނުން ޒުވާބު ކުރިފަހުން ބްރިގޭޑްގެ އިސްވެރިން ވަނީ އެކަކު އަނެކަކަށް ގަޔަށް އަތްލައި މާރމާރީ ހިންގާފައެވެ. ހިބްރޫ މީސްމީޑިއާގައި ބުނެފައިވާ ގޮތުން މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އިޒްރޭލުގެ ދިރާސާވެރިން ބުނާ ގޮތުގައި ބައި މިލިއަން ހަތިޔާރު، ފަލަސްތީނު މީހުންގެ އަތުގައި ހުރިކަމަށް ލަފާ ކުރެވޭ ކަމަށެެވެ. އޭގެ އިތުރުން ރޮކެޓް ލޯންޗަރާއާއި ޑްރޯންފަދަ ހަތިޔާރުވެސް އެމީހުންގެ އަތުގައި ތިޔާގިއެވެ. އިޒްރޭލު ހައިރާން ކޮށްލާ ކަމަކީ ސަލާމަތީ ފިޔަވަޅު އެވަރަށް ފިއްތާފައި އޮންނަ އިރުވެސް މޮޅު ހަތިޔާރުތައް ފަލަސްތީނު މީހުންގެ އަތަށް ފޭދިގަންނަ ގޮތާ މެދުއެވެ.

ޒަޔަނިސްޓް ސިފައިން ބިރުވެރި ވެދާނެއެވެ. އެކަމަކު އެމީހުންނަކީ އެންމެ ވިސްނުން ތޫނު މީހުން ކަމުގައިވެސް ނުވެދާނެއެވެ. މިސާލަކަށް، 2021 ވަނަ އަހަރު، ފަލަސްތީނު މީހުން ވަނީ އިޒްރޭލު ސިފައިންގެ 93 (ނުވަދިޔަ ތިނެއް) ހާސް ބަޑި ޣަނީމާގެ ގޮތުގައި ނަގައިފައެވެ. އިޒްރޭލު މީޑިއާއިން ބުނީ ފަލަސްތީނު ހަނގުރާމަވެރިންނަށް ލިބުނު މި ޣަނީމާގެ ޖުމުލަ އަގު ޑޮލަރުގެ ނިސްބަތުން 15 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.

އޭގެ އިތުރުން ޔަހޫދީން، ފަލަސްތީނު މީހުންނަށް ހަތިޔާރު ވިއްކުމަކީވެސް އާންމު ކަމެކެވެ. މިސާލަކަށް އެމް16ގެ ބަޑިއެއް ފަލަސްތީނަށް 30 ހާސް ޑޮލަރަށް ވިއްކާ ކަމަށް އިޒްރޭލުގެ ސަލާމަތީ ފަރާތްތަކުން ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި ބުނެއެވެ. އަދި ވަޒަނެއްގެ އަގު އުޅެނީ ތިން ޑޮލަރަށެވެ.

ފަލަސްތީނު މީހުން އަމިއްލައަށް ހަތިޔާރު އުފައްދައިވެސް ހަދައެވެ. މިދިޔަ އަހަރު އެކަނިވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ އަމިއްލަ އުފެއްދުމުގެ 500 ހަތިޔާރު އަތުލައިގެން ފައެވެ. އަދި ހަތިޔާރު އުފައްދާ ދިހަ ފެކްޓްރީ ބަންދުކޮށްފައެވެ.

ޔަދީއޯތު އަހުރަނޯތުން ބުނަނީ އެންމެ ބަޑިއެއް ހޯދުމަށް އިޒްރޭލު ސިފައިން ގިނަ ވަގުތު މަސައްކަތް ކުރުމަކީ ވަގުތު ބޭކާރު ކުރުމެކެވެ. އެކަމުގައި އުޅެއްޖެނަމަ ބަދަލުގައި ސިފައިންގެ މީހެއްގެ ފުރާނަ ގެއްލުމަކީވެސް އެކަީގެންވާ ކަމެއް ކަމަށެވެ!