ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އެޑަމް ބްރަކޮވްސްކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރެއްވުމަށް ޕޮލެންޑުގެ ސަފީރު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ސަފީރަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕޮލެންޑުގެ ސަފީރު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ޙާއްޞަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި، ސިވިލް އޭވިއޭޝަން އަދި، މީހުން ބިނާކުރުމާއި، މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ޕޮލެންޑުގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި، ކުރިޔަށްއޮތް ތަނުގައި ޕޮލެންޑުގެ ސަފީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ޕޮލެންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.