ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ގަވައިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ބްރީފިންގގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާތިމަތު މިޒުނާ އަލީއާއި، އެފްއާރުއެސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީ ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރީ ނުރައްކާތެރި ކެމިކަލާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްތޯ ބެލުމާއި، މި ގަވައިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

އެގޮތުން، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވާނެއެވެ.