ސަހްޔޫނީ އިޒްރޭލަށް އަމާޒުކޮށް މިރޭ އިރާނުން ފޮނުވާލި 200 އެއްހައި ބެލަސްޓިކް މިސައިލުގެ ތެރެއިން ޖޯޑަން މަތިން ދަތުރު ކުރި ބައެއް މިސައިލުތައް އެގައުމުގެ އަސްކަރިއްޔާއިން ވައްޓާލިކަމަށް "އަލްޖަޒީރާ" އިން ބުނެފިއެވެ.
ވީޑިއޯއާއެކު ހާމަކޮށްފައިވާ އަލްޖަޒީރާގެ ފޫޓޭޖުތަކުން ފެންނަ ގޮތުގައި ޖޯޑަންގެ ވެރިރަށް އައްމާނުން އިރާނުގެ މިސައިލުތައް ވައިގެ ތެރޭގައި ގޮއްވާލުމަށް ދިފާއީ މިސައިލުތައް ފޮނުވާލާ މަންޒަރު ފެނެއެވެ.
މިއަހަރުގެ އޭޕްރީލް މަހު އިރާނުން، ސަހްޔޫނީ އިޒްރޭލަށް ފޮނުވާލި މިސައިލާއި ޑްރޯންތައް އަމާޒުވިޔަ ނުދިނުމަށް އެމެރިކާ އާއި ފްރާންސާއެކު އެންމެ ބޮޑަށް މަސައްކަތް ކުރި އެއްގައުމަކީ ޖޯޑަންއެވެ.
އިޒްރޭލަށް އަމާޒުކޮށް އިރާނުން ފޮނުވާލި މިސައިލުތަކެއް ޖޯޑަންއިން ވައްޓާލާފައިވާއިރު، ސަހްޔޫނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އާއި އެހެނިހެން ސިޓީތަކުގައި ހިންގަމުން އަންނަ ޤަތުލް އާންމުތައް ހުއްޓުވުމުގައި ޖޯޑަން އާއި އެހެނިހެން އަރަބި ޤައުމުތައް އޮތީ ލޯ މަރައިގެންނެވެ. އަދި ލުބްނާނަށް ވައިގެ މަގުން އެތައް ހަމަލާއެއްދީ ހިޒްބުﷲ ޖަމާއަތުގެ ލީޑަރުން ޝަހީދު ކުރަމުންދާއިރު، މިއިން އެއްވެސް ކަމެއް ހުއްޓުވުމަށް ޖޯޑަންފަދަ އެއްވެސް ގައުމަކުން މަސައްކަތް ނުކުރާކަން ފާހަގަ ކޮށްލެވެއެވެ.