އިންޑިއާއަށް އދގެ ސަލާމަތީ މަޖިލީހުގައި ދާއިމީ ގޮނޑިއެއް ލިބެންވާނެ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވިދާޅުވެއެވެ. ލާވްރޯވް ވިދާޅުވަނީ، ދުނިޔޭގެ ނިޒާމު މިހާރަށް ވުރެން ސުލްޙަވެރި ނިޒާމަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ޖުލައި މަހު ރަޝިޔާގެ ހުށަހެޅުމާ އެކު ސަލާމަތީ މަޖިލީހުގައި އިންސާފުވެރި، ދެމެހެއްޓެނިވި ދުނިޔޭގެ ނިޒާމެއް ބިނާކުރުމުގެ މައުޟޫއަށް ފާޅުކަން ބޮޑު ބަހުސެއް ކުރެވުނު ކަމަށްވެސް އދގައި ތަޤްރީރު ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތައް، ސަލާމަތީ މަޖިލީހުގައި ތަމްސީލު ވުމަކީ މުހިންމު ކަމެކެވެ. "އަޅުގަނޑުމެން ބްރެޒިލް އާއި އިންޑިއާގެ ކެންޑިޑެސީތަކަށް ތާއީދުކޮށް އަޅުގަނޑުމެންގެ ހުށަހެޅުމަށް ތާއީދުކުރާއިރު، ހަމައެއާއެކު އެކީގައި، އެފްރިކަން ޔޫނިއަންއަށް ފުރުޞަތު ލިބުމަކީވެސް މުހިންމު ކަމެއް." ލާވްރޯވް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަލާމަތީ މަޖިލީހުގައި މިހާރުވެސް ހުޅަނގުގެ ޤައުމުތަކަކީ މާގިނައިން ތަމްސީލުވާ ޤައުމުތަކެއް ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ޤައުމުތަކުގެ މަޞްލަޙަތު ތަމްސީލުކުރުމަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއްވެސް ވެއްޖެއެވެ.

އިންޑިއާއިން މިކަމަށް އެދޭއިރު ފަލަސްޠީނުގެ މައްސަލާގައި މިހާރު އިންޑިއާ ވަނީ އިޒްރޭލަށް ދީލާލާފައެވެ. އަދި އިންޑިއާގެ ސިފައިންގެ އިސް ވެރިއަކު ވަނީ ޕޭޖަރު ގޮއްވާލި މައްސަލާގައި އިޒްރޭލުގެ ހުށިޔާރުކަމަށްވެސް ތާއީދުކޮށްފައެވެ.