މަހިބަދޫގައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއީ ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަހިބަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށް އެފަރާތުން ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އެ ސެޝަނުގައި އެކި ހާދިސާތަކުން ދަރިވަރުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، އެކްސިޑެންޓް ހިނގަން ދިމާވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވައިކަމަށާއި އަދި މަގުމަތީގައި އުޅޭއިރު ދަރިވަރުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅިވިއެވެ.

އޭގެ އިތުރުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައްވެސްސ ބުނެދީފައިވެއެވެ.

މި ސެޝަނުގައި 47 ދަރިވަރުން ބައިވެރިވިއެވެ.