ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކް ސާރވިސް (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައިޖެހެމުން ދާއިރު މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސަފުވެ ދުރުމިން ފެންނަ މިންވަރު ދަށްވެފައިވާކަމަށެވެ. އަދި އާންމު ގޮތެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް ހާއްސަކޮށް މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު އެވްރެޖު ގޮތެއްގައި 04 ކިލޯ މީޓަރަށް ދަށްވެފައިވާކަމަވެސް އެފަރާތުން ވިދާޅުވިއެވެ.

މީގެއިތުރުން، ދުރު ފެންނަ ނިސްބަތް ދަށްވުމުގައި އާންމުކޮށް ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ރޯލެއް އަދާކުރާކަމަށްވެސް މެޓުން ވިދާޅުވިއެވެ.

އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާއްމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށް ވެގެންދާކަމަށާއި ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ ސާފު މިންވަރު ނުވަތަ ''އެއާ ކޮލިޓީ އިންޑެކްސް'' އައިކިއު އެއާގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ''އެއާ ވިޝުއަލް'' މެދުވެރިކޮށް ބަލާލެވޭނެކަމަށްވެސް މެޓް ވިދާޅުވެފައިވެެއެވެ.

ރާއްޖޭގެ ސަރަހައްދުގައި އަހަރުގެ ފަހުކޮޅާއި ކުރީކޮޅު، ވައި ނުސާފުވުމަކީ އާންމުކަމެކެވެ. އެގޮތުން ހޭޒްގެ ސަބަބުން، ލޮލަށް ފެންނަ މިންވަރު ދަށްވެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސް ކުރައްވައިފައިވެއެވެ.