އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮންނަ ރުއްޖެހިހެރެ ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގޫ ކުރުމުގައި ތިމާވެއްޓަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާތީ އީޕީއޭއިން އައްޑޫ ސިޓީކައުންސިލް ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެސަރަހައްދުގެ ހޭޅިފަށުންވަނީ ގިނަ އަދަދެއްގެ ރުއްގަސް ކަނޑާފައި ކަމަށެވެ. އޭގެ އިތުރުން އެ ސަރަޙައްދުގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެ، ގޮނޑުދޮށަށް ވެލި އެޅާފައިވާ ކަމަށެވެ. މި މައްސަލަ އީޕީއޭއަށް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުމުން އެތަނުން ހިންގި ތަހުގީގުން އެނގިފައިވަނީ ގަވާއިދާ ޚިލާފަށް އެސަރަހައްދުން 17818.09 އަކަ މީޓަރުގެ ބިން ސާފުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސަރަހައްދުން 1712.26 ކޮޑިމީޓަރު ވެލިވެސް ނަގައިފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

އެހެންކަމުން އައްޑޫސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތް ކޮށްގެންނެވެ. އީޕީއޭއިން ބުނެފައިވަނީ އެ މަސައްކަތަކީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖުރީމަނާގެ ފައިސާ އީޕީއޭއަށް ޖަނަވަރީ 30 ވަނަ ދުވަހުވަނީ އައްޑޫސިޓީ ކައުންސިލް އިދާރާ އަށް އަންގަވާފައި ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.