މާލޭސިޓީކައުންސިލުން ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓު ބިލްތައް ނުދައްކައިފިނަމަށް އަނެއްކާވެސް ކަރަންޓް ކަނޑާލަންޖެހިދާނެ ކަމުގެ އިންޒާރު ސްޓްލްކޯއިން ސިޓީ ކައުންސިލަށް ދީފިއެވެ.

މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު، ވިދާޅުވީ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރުވެސް އެބަހުރި ކަމަށެވެ. އެ ފައިސާ ނުދައްކައި ތަފާތު ބަހަނާތައް ސިޓީ ކައުންސިލުން ދައްކަމުންދާ ކަމަށްވެސް ޝަރިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ސިޓީކައުންސިލުން ދައްކަންޖެހޭ އެކާވީސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި. އެންމެ ފުރަތަމަ 16 މިލިއަން ރުފިޔާގެ ޕެންޑިން އެއް އޮތީ އެ ނުދައްކިގެން އެއްބަސްވުމެއްގެ ދަށުން ވެސް އެ ފައިސާ ނުދައްކާ،" ޝަރީފު ވިދާޅުވިއެވެ. ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓު ބިލްތައް ނުދައްކައިގެން ސްޓެލްކޯއިން ވަނީ މާލޭސިޓީ ކައުންސިލުގެ ބައެއް ތަންތަނުން ކަރަންޓު ކަނޑައިފައެވެ. ބިލްތައް ނުދައްކައިފިނަމަ އަދިވެސް ކަރަންޓު ކަނޑާލެވޭނޭ ކަމަށް ސްޓެލްކޯއިންވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގައި ވިޔަފާރިތަކުގެ ކަރަންޓު ބޭންޑުގެ 300ޔުނިޓުން ފެށިގެން 10000ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާއި ދެމެދުއެވެ. އަދި އަތޮޅުތަކުގައި 300 ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގައެވެ.