މިއަހަރު މާރިޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނޭ މީހުންނާއި ހިއްސާގެ ފައިދާ ލިބޭނޭ މީހުން އެކުންފުނީން ހާމަކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ 2023 ވަނަ އަހަރު ފެބުރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިގޮތުން، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނޭ ކަމަށް ވެސް އުރީދޫން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެއެވެ. އެއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރާނެއެވެ.