ގަބޫލު ނުކުރައްވާ ސިޔާސަތުތަކެއް ތަންފީޒު ކުރައްވަން ސަރުކާރުގެ ސިޔާސީ މާގާމްތަކުގައި އެއްވެސް ބޭފުޅަކު ހުންނަވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އުފުލުމަށް އެމަނިކުފާނަށް އެހީތެރިވާން އައްޔަން ކުރައްވައިފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ބޭފުޅުން މުސާރަ ނަންގައިގެން އެމަގާމުތަކުގައި ތިއްބަވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ އަމިއްލަ ނަފުސަށް ތެދުވެރިކަމެއްހެން އޮންނަން މިޖެހެނީ. ގަބޫލު ނުކުރާ ސިޔާސަތުތަކެއް ތަންފީޒުކުރަން މުސާރަ ނަންގަވައިގެން އެބޭފުޅުން ތިއްބަވާނޭހެން އަޅުގަނޑަށް ހިއެއްނުވޭ،" މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ބޭފުޅަކަށްވެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނޭ ކަމަށެވެ.

މިއުވާން މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ސިޔާސަތު ތަކާ ދެކޮޅަށް ފާޑުވިދާޅުވާ ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އެބަ ތިއްބެވި ކަމަށާއި އެފަދަ ބޭފުޅުންނާ މެދު ފިޔަވަޅު ނާޅަންްތޯ ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މިއުވާން ވިދާޅުވީ އެފަދަ މަގާމުތަކުގައި ތިއްބަވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރައްވަން ރުހިވަޑައިގަންނަވާ ބޭފުޅުންކަމަށެވެ. "ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ތިއްބަވާ ކަމަށްވާނަމަ އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ބަލަންޖެހޭ ކަންކަން ބަލާނެ،" މިއުވާން ވިދާޅުވިއެވެ.