ޖެނުއަރީ 20 ގައި އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުންދާ ޖޯ ބައިޑެން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، މިހާރު ވެރިކަންކުރާ ރިޕަބްލިކަން ޕާޓީވެސް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

މިއީ، ރިޔާސީ އިންތިޚާބުގެ ކާމިޔާބީގެ ފަހުން، ޖޯ ބައިޑެން، ރައީސް ޑޮނަލްޑް ޓްރަމްޕް ކުށްވެރި ކުރައްވައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

އިލެކްޓޯރަލް ކޮލެޖް ވޯޓުން ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ކަށަވަރުވިތާ މާ ގިނައިރެއް ނުވަނީސް، ޑެލަވެއަރގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ބައިޑެންވަނީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވަން ރައީސް ޓްރަމްޕް ދެކޮޅު ހެއްދެވުމަކީ އެމެރިކާގެ ރައްޔިތުންގެ ނިންމުމަށާއި، އެމެރިކާގެ ގާނޫނުއަސާސީގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެފައެވެ.

ބައިޑެން ވިދާޅުވީ، ރައީސް ޓްރަމްޕްގެ ފަރާތުން ފެންނަމުންދަނީ އެމެރިކާގެ ތާރީޚްގައިވެސް މިހާތަނަށް ފެނިފައި ނުވާފަދަ ކަންތައްތަކެއް ކަމަށެވެ.

ޓްރަމްޕް ގެންދަވަނީ ރައްޔިތުންގެ ނިންމުންނަށް އިހްތިރާމް ނުކުރައްވާ، އަދުލުއިންސާފަށް އިހްތިރާމް ނުކުރައްވާ، ގާނޫނުއަސާސީއަށް އިހްތިރާމް ކުރުމަށްވެސް ދެކޮޅު ހައްދަވަމުން ކަމަށް ބައިޑެން ވިދާޅުވިއެވެ.

އިލެކްޓޯރަލް ކޮލެޖް ވޯޓާ ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ސޯޝަލް މީޑިއާގައި ގެންދިޔައީ ގޮވާލަމުންނެވެ. އެކަމާހެދި އިންތިޚާބާބެހޭ އޮފިޝަލުން ގެންދިޔައީ ހަމަނުޖެހުން ހިންގަފާނެތީ ކަންބޮޑުވުންތައްވެސް ފާޅުކުރައްވަމުންނެވެ.

އެހެން ނަމަވެސް، އިލެކްޓޯރަލް ކޮލެޖް ވޯޓަށްފަހު ކަންކަން ނިމިގެންދިޔައީ އޮމާންކަމާއެކުގައެވެ. ވޯޓަށް ހުރަސްއެޅުމުގެ އެއްވެސްކަމެއް ނުހިނގައެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަލައި އެމެރިކާގެ މީޑިއާއިން ޕްރޮޖެކްޓްކުރި ގޮތަށް، ރޭގައި ނެގި އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާއިންވެސް ބައިޑެންއަށް 306 ވޯޓު އަދި ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 ވޯޓެވެ.

ޕޮޕިއުލަރ ވޯޓު ނުވަތަ އާންމުންގެ ވޯޓަށް ބަލާއިރު، ޓްރަމްޕަށްވުރެ ބައިޑެންއަށްވަނީ 7 މިލިއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައެވެ.