ހުޅަނގުގެ ސޮލީބީ ގައުމުތަކުން ތުރުކީއާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް އިއުލާން ކޮށްފި ކަމަށް ތުރުކީގެ ދާޚިލީ ވަޒީރު ވިދާޅުވެއެވެ. އެނާ ވިދާޅުވިގޮތުގައި ތުރުކީއަށް ހުޅަނގުން ހަމަލަތައް އަމާޒުކޮށްފައި ވަނީ އެގައުމުން މިއަހަރަށް 60 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ނިންމުމުން އެކަން ހަޖަމު ނުވެގެން ނެވެ.
ސޮލީބީ ހަމަލައެއްގައި ކީތިރި ޤުރުއާން އަންދާލުމަށް ހުޅަނގުގެ ގައުމުތަކުން ހިތްވަރު ލިބިގެން ފަށާފައިވާ މަސައްކަތާ ދެކޮޅަށް ތުރުކީ ސަރުކާރާއި އާންމު ރައްޔިތުން ވަނީ ނިކުމެފައެވެ. އެކަމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ވަނީ ތުރުކީއާ ދެކޮޅަށް ސަލާމަތީ އިންޒާރެއް ނެރެ، އެގައުމުތަކުގެ ކޮންސިއުލޭޓްތައް ބަންދުކޮށްފައެވެ.
ތުރުކީން ވަނީ ސަލާމަތީ އިންޒާރު ނެރެ، ކޮންސިއުލޭޓް ބަންދު ކުރި ގައުމުތަކުގެ އެންމެބެސެޑަރުން ތުރުކީގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފައެވެ. އެ ގައުމުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ޤުރުއާން އަންދާލުމަށް ހިތްވަރުދޭ ސުއިޑްންއާއި ބެލްޖިއަމްއާއި ފްރާންސާއި ޖަރމަނީއާއި އިޓަލީއާއި ސުއިޒަރލެންޑާއި ނެދަރލެންޑު ހިމެނެއެވެ. ތުރުކީ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އިތުބާރު ހިފޭ މައުލޫމާތެއް ނެތި ތުރުކީގައި ނުރައްކަލެއް އުޅޭ ކަމަށް ބުނެ ފިޔަވަޅުތަށް އެޅުމުން އެގައުމުތަކުން ހިތްވަރު ދެނީ ޓެރަރިސްޓުންނަށެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކަކީ ތުރުކީއާ ދެކޮޅަށް ޓެރިސްޓް ހަމަލަތައް ދޭ ކުރުދިސްތާން ވޯކާޒް ޕާޓީގެ ޓެރަރިސްޓުންނަށް ހިތްވަރުދީ ހިމާޔަތް ދޭ ގައުމުތަކެވެ.