ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވެލެންސިޔާ ބަލިކޮށް ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާ 5 ޕޮއިންޓް ކައިރިއަށް އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.
ރެއާލްގެ ދެލަނޑު ކާމިޔާބު ކޮށްދިނީ 52 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ އަދި އޭގެ ދެމިނެޓް ފަހުން ވިނީޝިއަސްއެވެ. މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވިނީޝިއަސް އާއި ރޮޑްރީއަށް ލިބުނެއެވެ. ރެއާލްއިން މުޅި މެޗުގައި ވެލެންސިޔާގެ ގޯލަށް އަމާޒުކޮށް 8 ހަމަލާ ފޮނުވާލިއެވެ. ވެލެންސިޔާއަށް އެންމެ ހަމަލާއެއްވެސް ރެއާލްގެ ގޯލާ އަމާޒުކޮށްލެވިފައެއް ނުވެއެވެ.
މިމޮޅާއެކު ތާވަލުގެ ދެވަނައިގައި ރެއާލް އޮތީ މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 45 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ބާސެލޯނާ އޮތީ 50 ޕޮއިންޓާއެކުއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ މިދިޔަ ސީޒަނުގައި މިހިސާބަށް އާދެވުނުއިރު ރެއާލްއަށް ހޯދުނީ 44 ޕޮއިންޓް ކަމަށާއި މިފަހަރު އެއްޕޮއިންޓް އިތުރަށް ހޯދިއްޖެ ކަމަށެވެ. "މިދިޔަ ސީޒަނުގެ މިސްޓޭޖަށް އާދެވުނުއިރަށްވުރެ އިތުރަށް އެއްޕޮއިންޓް މިސީޒަނުގައި ހޯދިއްޖެ. ގިނަ ލަނޑުވެސް ކާމިޔާބު ކުރެވިއްޖެ. ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ރަނގަޅަށް އަހަރެމެންނަށް ކުޅެވުނު. ވެލެންސިޔާގެ އިންޓެންސިޓީ ދެވަނަ ހާފުގައި ދަށްކޮށް ފެނުނީ. އޭގެ ސަބަބުން މެޗް ކޮންޓްރޯލް ކުރަން ފަސޭހަ ވެގެންދިޔަ" ދެފަހަރެއްގެ މަތިން ރެއާލްއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދީފައިވާ ކާމިޔާބު ކޯޗް އަންޗެލޮއްޓީ ބުންނެވެ.
މިމެޗުން މޮޅުވިނަމަވެސް އަންޗެލޮއްޓީއަށް އޮތް ބޮލުގެ ރިހުމަކީ ކެޕްޓަން އަދި އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް މިމެޗުގައި އަނިޔާވުމެވެ. މެޑްރިޑުގެ ނޫސްތަކުން މިއަދު ބުނެފައި ވަނީ ބެންޒެމާގެ އަނިޔާ ސީރިއަސް ނޫން ކަމަށާއި ޗެމްޕިއަންސް ލީގުގައި މިމަހުގެ 22 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅެންވާއިރަށް އޭނާ ފިޓްވާނެ ކަމަށެވެ.