މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވުމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބަހައްޓައިފައިވާ ތިން ސަބްސްޓޭޝަނަކީ:

  • ގާކޮށި، ސިނަމާލޭ ދެ ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަން
  • މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަން
  • އަދި ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ހިމެނެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މީގެ ތެރެއިން، ސިނަމާލޭ ދެ ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއްކަމަށާއި އަދި މިހާރު އެ ލޯޑް ޓްރާންފަރކުރި ޓްރާންސްފޯމަރުތަށްވެސް ވަނީ އޯވާލޯޑް ވުމާއި ގާތަށްގޮސްފައިކަމަށެވެ.

މިގޮތުން މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނީ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާކަމަށާއި ނަމަވެސް އެއްވެސް އޭގެ އެއްވެސް ސިޓީއަކަށް ޖަވާބެއް ނުލިބޭކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މީގެ އިތުރުން އެކުންފުނިން ވިދާޅުވީ ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ވަނީ ސިޓީ ފޮނުވިކަމަށާއި ނަމަވެސް އެޔަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އަދި މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށާއި އެކަމަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއްނާކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނިން، މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީއާއި، އަދި ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް އެ ކުންފުނިން ބޭނުންވާ ކަމަށާއި އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް އެކުންފުނީގައި މިހާރު ހުރިކަން ފާހަގަކޮށްފައިވެއެވެ.

މާލޭ ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ ނުވަ ނަންބަރު ކޮށި ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި މިދިޔައަހަރުގެ އޮކްޓޫބަރު މަހުގައި ސިޓީ ކައުންސިލްގެ ސިޓީއެއް އެ ކުންފުންޏަށް ވަނީ ލިބިފައކަމަށާއި ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު އެކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް އެކުންފުންޏަށް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެކަމަށެވެ. އަދި ރައްޔިތުންނަށް އެ ކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، އެ ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތްކުރުމަކީ ސްޓެލްކޯގެ އެދުމެއްކަމަށެވެ.