ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބޭއްވި ''ބުންވަރު" ހިނގާލުން ކުރިއަށް ދިޔަ ވަގުތު ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތްމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ،

ފުލުހުންވިދާޅުވީ ރީދުކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާފައި ގޮސް މީހުންތަކުގެ ތެރެއަށް ވަދެފައި ކަމަށާއި އޭނާ އެގޮތަށް އަމަލުކޮށްފައިވަނީ، ސައިކަލުގެ ސްޕީޑް މަޑުކުރުމަށް އެވަގުތު މަގުމަތީގައި ހަރަކާތްތެރިވި ފުލުހުން އޭނާއަށް އަންގާފައިވަނިކޮށްކަމަށެވެ.

މިއަދު ހަވީރު ޕީޕީއެމްއިން ބޭއްވި މި ހިނގާލުން ކުރިއަށް ދިޔަ ވަގުތު ހިނގާލުމުގެ ތެރެއަށް އެމީހާ ވަދެގަތުމުން، އެ ހިނގާލުމުގެ ތެރޭގައި ތިބި ބައެއް މީހުންގެ ގައިގައި ސައިކަލުން ޖެހިފައިވެއެވެ. އެއްވެސް މީހަކަށް އެކަމުގެ ސަބަބުން އަނިޔާ ނުވިނަމަވެސް މުޒާހަރާގެ ބައިވެރިންނާއި އެ މީހާއާ ދެމެދު ހަމަނުޖެހުން ހިނގައިފައިވެއެވެ. އަދި ފުލުހުން ވަނީ އެ ހަމަނުޖެހުން ހުއްޓުވައި، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް ވިދާޅުވީ ޓްރެފިކް ގާނޫނުގެ ދަށުން އެނާއަށް ވަނީ ފިޔަވަޅުއަޅާފައިވާކަމަށެވެ. އެގޮތުން އެނާގެ ސައިކަލު މިހާރު ވަނީ 15 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިކަމަށްވެސް ވިދާޅުވިއެވެ.