ދަނޑިފަނުން ހަދާފައިހުރި ގެތަކުގެ ޒަމާން ނިމިއްޖެއެވެ. ސްމާރޓް ގެތަކަށް ބަދަލުވެ ދިރިއުޅުމުގެ ވަައްޓަފާޅިއަށް ޒަމާނީ ބަދަލުތަކެއް އަތުވެއްޖެއެވެ. މި ދެ ޒަމާން ދެކި އެންމެ ގާތުން ތަޖުރިބާކުރި އެއްބަޔަކީ 1960 އިން ފެށިގެން އުފަންވެފައިވާ މީހުން ކަމަށް ވެދާނެއެވެ. ރާއްޖެ ބަދަލުވަމުން ދިޔަވަރަކަށް ފިކުރާއި ވިސްނުން އަދި ޓެކްނޮލޮޖީ އައިގޮތްވެސް އެންމެ ގާތުން ތަޖުރިބާކުރީ އެވެރިން ކަމަށް ވެދާނެއެވެ.

ޒާމާން ބަދަލުވެ ރާއްޖެއަށް އަންނަމުންދާ ތަރައްގީއަކީ ހަމަ ގައިމުވެސް ބަޔަކު ކޮންމެވެސް ފިކުރެއް އޮވެގެން މަސައްކަތެއްކުރުމުން އައި ބަދަލުތަކެއްކަން ޔަގީނެވެ. އެއިރު ރާއްޖޭގައި ވިޔަފާރިކުރުމަކީ ފަސޭހަކަމަކަށް ނުވާތީ ސާރުކާރުން ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންގޮސް މިހާހިސާބަށް އައި އިރު އަމިއްލަ މީހުންނަކީވެސް ބޭރު ދުނިޔެއާ އެވަރަށް ގުޅުންއޮވެ ވިޔަފާރި ކުރަމުންދާ ބަޔަކަށް ވެއްޖެއެވެ.

މިހުރިހާ ކަމެއް ކުރަމުން އައިސް މިހާރު ރާއްޖޭގައި 22 އިންޑަސްޓްރީ އެއް އެބައޮތްކަމަށް ބިޒްނަސް ރަޖިސްޓްރޭޝަން ފޯމުން ދައްކައެވެ. 22 އިންޑަސްޓްރީގެ ދަރަންޏަކާއި އަރަނިވެސް އޮނާނެއެވެ. އެއް އިންޑަސްޓްރީ ކުރިއަރާއިރު އަނެއް އިންޑަސްޓްރީތަކަށް ރަނގަޅު ނުވަތަ ގޯސްވެސް ވެދާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ރިޒޯޓްތައް ގިނަވާން ފެށުމުން އަނގަމަތީ މަސްދޯނި ދޫކޮށް ރިޒޯޓްތަކަށް މީހުން ވަޒީފާއަށް ގޮސް މަހަށްދާނެ މީހުން މަދުވާންފެށުމުން ބޮޑެތި މަސްދޯނިފަހަރު އުފެދިގެން އައިގޮތަކީވެސް ވަރަށް ހިތްގައިމު ވާހަކައެކެވެ. މިވާހަކައަކީ އާންމުކޮށް ނުދެކެވޭ ވާހަކައެވެ. ނަމަވެސް މިވާހަކަ ބާއްވާފައި އަސްލު ވާހަކައަށް އެބުރިލަމާ ހިނގާށެވެ.

ޑިމޮކްރަޓިކް އުސޫލްތަކާއި އެއްގޮތަށް ބަދަލުވަމުން އައިސް ލާމަރުކަޒީ އުސޫލް ތަންފީޒު ކުރަމުންދާ މިޒަމާނުގައި އަޅުގަނޑުމެންގެ މިނިސްޓްރީތަކުގެ މިސްރާބު ހުރީ ވެރިކަމުގައި އޮތްބަޔަކަށް ލާމަރުކަޒީ ނިޒާމް ފޯރުކޮށްދޭ ހިސާބެއްގައިހެން ހިއެއްނުވެއެވެ. މިހެން ބުނަންޖެހޭ ސަބަބަކީ ކޮންމެހެން ރަށުގައި ޕްރޮޖެކްޓް ހިންގުމުގެ ފައިސާ ނުދޭތީ ނުވަތަ މިނިސްޓްރީތަކުގެ މަސައްކަތްތައް ލަސްވާތީއެއް ނޫނެވެ. ކޮންމެ ރަށެއްގެ މައުލޫމާތު އެންމެ ފުރިހަމައަށް ނުހުނާތީ އަދި މުއާމަލާތު ކުރެވޭއިރު އަދަދުން ވާހަކަ ނުދެއްކޭތީއެވެ. މި މައުލޫމާތު އެއްކުރުމަކީ މިނިސްޓްރީތައް މެދުވެރިކޮށް އެއިރެއްގައި އޮންނަ ސަކުރާރަކުން މައުލޫމާތު އެއްކޮށްފިނަމަ ވަރަށް ފޮނި ނަތީޖާތަކެއް ނިކުމެދާނެ މައުލޫމާތުތަކެވެ. ސަބަބަކަށްވަނީ ކޮންމެ މީހެއްގެ ފިކުރު ތަފާތުވާއިރު ޑިމޮކްރަސީއެއްގެ އެންމެބޮޑު އެކައްޗަކީ ތަފާތު ވިސްނުމުގެ މީހުންނާއެކީ އުޅެ އެމީހުން ދައްކާވާހަކަ އަޑުއަހައި އެއަށް ފިކުރު ހިންގައި އެއިގެ ތެދުދޮގުބަލައި އިޖްތިމާއީ އުސޫލްތަކާ ޚިލާފްނުވާނަމަ އެކަމުގެ ތެރެއަށް ވިސްނައި ތިމާގެ ވިސްނުންވެސް އެއިގެ ތެރެއަށް ލައި ބިނާކުރަނިވި ފަލްސަފާއެއްގެ ވެރި ބަޔަކަށްވުމެވެ. މައުލޫމާތު އެބަހުރި! މައުލޫމާތު ހުންނާނެ! ހިތާއި ހިތުން މިސުވާލު ތިކުރައްވާއިރު މައުލޫމާތަކީ ކޮންމެ ރަށަކަށް އެރަށެއްގެ ކައުންސިލުން އަހާއިރަށް ދެވޭވަރު މައުލޫމާތުތަަކަށް ވާންއެބަޖެހެއެވެ.

ރާއްޖޭގެ ރަށްރަށަށް ނޭޝަނަލް ލެވަލް ޕްލޭން ވެސް ރަނގަޅަށް ކުރެވޭނީ މިހެންކަމަށްވާއިރު މި ދެކެވެނީ ވަރަށް މާނަފުން ކުދިކުދި މައުލޫމާތުގެ ވާހަކައެވެ. ރަށެއްގެ އާބާދީގައި ކިޔަވައިގެން ތިބި އާބާދީ ހަމަ ޔަޤީނުންވެސް އެނގޭނެއެވެ. އެކަމަކު އޮޕަރޭޝަނަލް ލެވެލް އަކީ ޑިގްރީ ލެވަލް އަށްވުރެ ދަށް އަދީ ވަކި މުއްދަތެއްގެ ތަޖުރިބާ އާއިއެކު ޑިގްރީ ލެވަލް އަށް ވުރެ މައްޗަކީ ސްޓްރެޓަޖިކް ލެވަލްއަށް މިސާލަކަށް ބަލައިފިނަމަ ރަށުގައިތިބީ ކިހާ މީހުންނެއްކަން ހަމަ ޔަޤީނުންވެސް ކައުންސިލަށް އެނގޭނެއެވެ. އެކަމަކު ރަށަށް ނިސްބަތްވާ ކިތައް މީހުން އުފެއްދިއްޖެތޯ ބަލައިފިއްޔާ މި މައުލޫމާތަކީ ލިބޭނެ މައުލޫމާތެއް ނޫނެވެ.

މަސްވެރިކަމުގައި އުޅޭމީހުނަށް އެހީވާން ކައުންސިލްތަކުން މައުލޫމާތައް އެދިއްޖެނަމަ އެކަމަކަށްވެސް ދެވޭނެ އެހީއެއް ނެތެވެ. ސަބަބަކީ މިނިސްޓްރީތަކުން ނަގަނީ ރަށެއްގައި ރަޖިސްޓްރީ ކޮށްފައި ހުންނަ އޮޑިފަހަރުގެ މައުލޫމާތުގެ ގޮތުގައިއެވެ. އެކަމަކު ހަޤީގަތަކީ ގިނަދޯނިފަހަރު މިހާރު ދުއްވަނީ އެހެން ރަށަކަށް ފޮނުވައިގެން އެރަށެއްގެ ކެޔޮޅުންނާއި ފަޅުވެރިންގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން އޮޑިވެރިޔާ ފިޔަވައި ދެން އާމްދަނީ އެ ލިބެނީ ދޯނި ދުއްވާ ރަށުގެ މީހުންނަށެވެ.

ބިން ދޫކޮށްގެން ދަނޑުވެރިކަންކުރާ ދަނޑުވެރިންނަށްވެސް އެހީވާން ދެވޭނެ މައުލޫމާތެއްނެތެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަރައިގެންމިދާ ޓޫރިޒަމްއަކީ މިހާރު ގިނަ ބަޔަކު އެކަމަށް ތައްޔާރުކުރެވި ރަނގަޅަށް ކުރިއަށްދާ އިންޑަސްޓްރީއެކެވެ. އެކަމަ ރަށު ލެވަލްގައި ޓޫރިޒަމްވެސް ރަނގަޅުކުރަންޏާ އެކަމާއި އެކަށޭނެ ރަނގަޅު ސުވާލު ކުރެވި އެ މައުލޫމާތަކީ އަހަރުން އަހަރަށް ނެގޭ މައުލޫމާތަށް ވާން އެބަޖެހެއެވެ.

ރާއްޖޭގެ ރަށަކަށް ނިސްބަތްވަނީ ކޮން އިންޑަސްޓްރީއެއްތޯ އިންޑަސްޓްރީ ގައި ވަޒީފާ އަދާކުރަނީ ކިތައް ޕަސަންޓުތޯ މިއީ ރަށެއްގެ ޖީޑީޕީ ނުބެއްޔަސް އެއިރަކު އެތިބި ބަޔަކަށް ވަރަށް ފަސޭހައިން ސަރުކާރާއި ކައުންސިލް އާއި އަދި ކައުންސިލް އާއި ރައްޔިތުންނާއި ދެމެދު ދުޅަހެޔޮ މުއާމަލާތުތަކެއް ކުރެވި ހަރުދަނާ ނިންމުންތައް ނިންމޭނެ މަގެކެވެ. މީގެ ސަބަބުން އެރަށުގައި އުޅޭ ގިނަ މީހުންނަށް ވިޔަފާރި ކުރުމާއި، ސިޔާސީ ކަންކަމުގައި އަރައިރުން ކުޑަވުމާއި ހިސާބަށް ބިނާވެ ނިންމުން ނިންމާ ޖީލެއް ތައްޔާރުކުރުމުގެ މަގުފަހިވެގެންދާނެއެވެ. ނަމަވެސް އެންމެ ބޮޑު ފަސޭހައެއްވާނީ އެއިރެއްގައި އޮންނަ ސަރުކާރަކާއި ކައުންސިލް ތަކަށެވެ. ނަމަވެސް މި މައުލޫމާތު ނަގައި ހާމަކުރަން އިދިކޮޅު ހަދާނެ ވިޔަފާރިކުރާ ކުދިންކޮޅެއް އުޅޭނެއެވެ. ނަމަވެސް ކައުންސިލްތައް ލާމަރުކަޒީ ނިޒާމުން ހިންގަންޏާ މިއީ މަޖުބޫރު މާއްދާއެއްކަމަށް ދެކެމެވެ.