ބައެއް ޚިދުމަތްތައް ދިނުމުގައި މާލޭސިޓީކައުންސިލުން އަލަށް އެކުލަވާލި އުސޫލާމެދު ހިތްހަމަނުޖެހިގެން ކުންފުނިތަކުން އެލްޖީއޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއީ ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސްޓެލްކޯގެ އިތުރުން އުރީދޫ މޯލްޑިވްސް، އެމްޑަބްލިޔުއެސްސީ، މީޑިއާނެޓު، އާރުއޯއެލް އިން ބައިވެރިވިއެވެ.

މިހުރިހާ ކުންފުނިތަކުން ވެސް ބުނެފައިވަނީ މާލޭސިޓީކައުންސިލުން އެކުލަވާލި އުސޫލުގެ ސަބަބުން ޚިދުމަތުން ނަގާ އަގުތައް ބޮޑުކޮށް އަދި ކުރިން ފައިސާ ނުނަގާ ޚިދުމަތްތަކުން ފައިސާ ނަގަން ފެށުމުން އެކަމުގެ ތަކުލީފު އުފުލަންޖެހިފައިވާ ކަމަށާއި އެއީ ކަންބޮޑުވާކަމެއް ކަމަށެވެ.

މި ކުންފުނިތަކަކީ އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަގުކޮނެގެން ހޮޅިއާއި ނަރުފަދަ އެއްޗެހި ވަޅުލަންޖެހޭ ކުންފުނިތަކެކެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ސިޓީކައުންސިލުގެ އައު އުސޫލުގެސަބަބުން އާންމު ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ވަރަށްބޮޑުތަނުން ބޮޑުވެގެން ގޮސްފައިވާކަމަށެވެ. އެކަން އެހެންވުމުން އެކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށްވިޔަސް ސިޓީކައުންސިލްގެ ގޮތްދޫނުކުރުމުގެ ސަބަބުން އެއްވެސް ހައްލެއް ލިބިފައިނުވާކަމަށެވެ. އެހެން ކަމުން އެކަމަށް ހައްލެއް ހޯދުމަށް އެލްޖީއާ މަޝްވަރާ ކުރަން ބޭނުންވީ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ސަބަބުން ސިޓީކައުންސިލާއެކު އޮތް ނުތަނަވަސްކަމަށް ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާލޭސިޓީ ކައުންސިލަށް އެފަދަ އުސޫލެއް ހެދޭނީ އެލްޖީއޭއާ މަޝްވަރާކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެ އުސޫލު ހެދުމަށް އެލްޖީއޭއާ މަޝްވަރާ ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކާއެކު ވެސް ސިޓީކައުންސިލުން މަޝްވަރާ ކުރަންޖެހޭނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މި އުސޫލުގެ ސަބަބުން ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި މީގެ ކުރިން އަގުނުނަގާ ކަންކަން ވެސް އަގުނަގާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިސާލަކަށް އޭނާ ވިދާޅުވީ ޖަންގްޝަން މަތިނަގައިގެންދޭ ޚިދުމަތަށް މީހާރު 300 ރުފިޔާ ނަގާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސިޓީކައުންސިލަކީ ރައްޔިތުންނަށް ދޭޚިދުމަތްދޭން ހުރި މުއައްސަސާއެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ޖެއްސުން ކުރަންޖެހޭ ތަނެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެލްޖީއޭއިން ވިދާޅުވީ ކައުސިލްތަކުން ކަންކަން ކުރަނީ ގާނޫނާއި ގަވައިދާއެއްގޮތަށްތޯ އެތަނުން ބަލާނޭކަމަށެވެ. އެތަނުން ވެސް ވިދާޅުވީ މާލޭސިޓީކައުންސިލުން އުސޫލު އެކުލަވާލުމަށްފަހު އެލްޖީއޭއަށް ފޮނުވަންޖެހޭ ކަމަށާއި އެގޮތަށް ފޮނުވުމުން މަޝްވަރާކުރަން ޖެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ފައިނަލް ކުރެވޭނޭ ކަމަށްވެސް ވިދާޅުވިއެވެ. އެލްޖީއޭއިން ވިދާޅުވީ މިހާރު އުފެދިފައިވާ މައްސަލައާ ބެހޭގޮތުން ސިޓީކައުންސިލާއެކު މަޝްވަރާ ކުރައްވާނޭ ކަމަށެވެ. އެތަނުން ވިދާޅުވީ ކުންފުނުތަކަށް ދިމާވާ މިފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިވާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ސިޓީކައުންސިލާއި ކުންފުނިތަކާއެކު ވެސް އެލްޖީއޭއިން މަޝްވަރާ ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ސިޓީކައުންސިލާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށެވެ. ކަރަންޓު ބިލް ނުދެއްކި މައްސަލައާއި އެހެނިހެން މައްސަލަތަކަށް ހައްލު ހޯދަން ކުރަންޖެހުނު ކޮންމެ މަޝްވަރާއަކަށް ތައްޔާރަށް ސްޓެލްކޯ އޮންނާނޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. "ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހުރަސްއެޅިދާނޭ އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑުމެންނެތިން. މިކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނޭ ކަމަށް އުންމިދުކުރަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާލޭ މޭޔަރު ރަސްމީ ކަންކަމުގައި ކުރައްވާ ޓުވީޓަކުން ފޯނުކުރައްވާފައި ވިދާޅުވާ ވިދާޅުވުމަކުން ނުފެދޭނޭ ކަމަށެވެ. ރަނގަޅުގޮތަކީ ރަސްމީ ކަންކަމުގައި އޮންނަ އުސޫލުން ލިޔެކިޔުންތަކުން މުއާމަލާތް ކުރެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. "ރަސްމީކަންކަން ދާންޖެހޭނީ ރަސްމީކޮށް،" ޝަރީފް ވިދާޅުވިއެވެ.