އެތައް އަހަރުތަކެއް ކުރިން ސުކޫލުގައި ކޮންމެ ހަފުތާއެއްގެ ފަސްދުވަހުން ދެ ދުވަހެއްގައި ޑިކްޓޭޝަން ލިޔުއްވައެވެ. އެކަމަކު ދުވަހަކުވެސް ބޮޑު ފައިލެއް ނޫނީ ވަކި ބަސްތަކެއް ހާއްސަކޮށް ފާހަގަކޮށްފައި ހިތުދަސްކުރާކަށް ސުކޫލަކުން މުދައްރިސް ހަވާލު ނުކުރެއެވެ. އެކަމަކު އޭރުވެސް ޑިކްޓޭޝަން ލިޔުއްވައެވެ. ދަސްވެސް ކުރަމެވެ. ތަފާތަކީ އޭރުގެ ޑިކްޓޭޝަނުގެ ބަސްތައް ލިބެނީ ކޯރީޑާރ ފޮތުން ނޫނީ ރީޑާސްފޮތުން ކިޔައިދޭ ދޭހަ ތައް ނޫނީ ވާހަކަތަކުގެ ތެރެއިން ނަގާ ކިޔައިދެވޭ ބަސްތަކަކުންނެވެ. އެބަސްތައް ދޭހަ ނުވަތަ ވާހަކަ ކިޔަމުން ދާއިރު ނޯޓުކޮށް މުދައްރިސު ދާނީ މާނަ ދޭހަ ކޮށްދެމުންނެވެ. ދެން އަންނަ ކޮންމެވެސް ދުވަހެއްގައި ދަސްވި އާ ބަސްތަކުން އަޖުމަ ބެލުން އޮވެއެވެ. ދީފައި އޮންނަ ބަސް ބަހުން ބަހަށް ދަސްކޮށް ލިޔާކަށް މަޖުބޫރެއް ނޫނެވެ. އެކަމަކު މާނަ ދޭހަވުމުން މާނަ ހަމަޖެހުމުން އެނިމުނީއެވެ. އެބަހުން ޖުމްލަ ހަދަން ޖެހި ޖުމްލަ ނުހެދުނުނަމަ މައްސަލައަކަށްވެ މިކަހަލަ ގޮތަކަށް ނެތަސް ހަމަ ޕެރެގްރާފްވެސް ލިޔުއްވައެެވެ.

ޑިކްޓޭޝަނަށް މާކްސްވެސް ލިބެއެވެ. އެކަމަކު އެލިބޭ މާކުސް ކުލާސް ބަދަލުވުން ނުވަތަ ޓާމުގެ ނަތީޖާ ހޯދަން ހަދާ ޕޭޕަރަކަށް ވެފައި ނެތުމުން އެއީ އެވަގުތުން އެވަގުތަށް ނިމިގެންދާ ކަމެކެވެ. ވެދާނެއެވެ. އެއީ އަތޮޅުތެރޭގެ ރަށްފުށުގެ އާދައިގެ މީހަކު ހިންގި އަމިއްލަ މަރުކަޒަކަށް ވީމަ އޭނަގެ ތިއަރީ ތަފާތީއެވެ. އޭރުވެސް ޑިކްޓޭޝަން ލިޔުއްވުން ސަރުކާރުގެ ސުކޫލުތަކުގައި ފެންނަން އޮތީ އެހެން ގޮތަކަށެވެ. ނަމަވެސް އަޅުގަނޑު އުޅެ ބޮޑުވި މަދަރުސާގައި އޮތް އާދަ ތަފާތެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެހެން އެފަދަ ކަންތައްތަކެއް އިހުސާސެއް ނުވެއެވެ.

އެހެންނަމަވެސް މަންޒަރު ބަދަލު ވަމުން ވަމުން އައިސް މިއަދު މިވަނީ ހިތަށްވެސް ނާންނަ ފަދަ ކުލައަކުން މަންޒަރު ބަދަލު ވެފައެވެ. ރައްޓެއްސަކު އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ޑިކްޓޭޝަން ބަސްތަކުގެ ޖުމްލަ ހަދައިދިނުމަށް އެދި އަބަދުވެސް އާދެއެވެ. ޑިކްޓޭޝާން ދަސްކުރަން ޖެހެނީ ބަހުންބަހަށް ކަމަށްވާތީ އަހަރެން ލައްވާ ބުނެދޭކަށް މުހިންމު ނޫނެވެ. ނަމަވެސް ޖުމްލަ ހަދައިދީގެން އެވެސް ކުއްޖާ ދަނީ ހިތުދަސްކޮށްގެނެވެ. އަމިއްލަ އަށް ޖުމްލަ ހަދަން އެއްކަލަ ކުއްޖާއަށް އެނގޭނީ ކޮން ޒަމާނަކުންތޯއެވެ. ހަމައެހެންމެ ދަސްކުރި ބަސްތަކުގެ ދިވެހި މާނައެއްވެސް އަދި އަސްލު އޭގެއިން ފަހުމުވާ މާނައެއްވެސް ނޭނގޭނެތާއެވެ. ނަމަވެސް ދަސްކޮށްގެން ގޮސް ޓެސްޓު އެސެސްމެންޓު ހަދަން ޖެހޭނެއެވެ. ތަރި ދީ ހަނދު ދީ، "ފުލީ އެޗީވްޑް" ލިބޭނީ އޭރުންނެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް، ނިއުމާ މުހައްމަދު، ނިއުމާ މިސްގެ ވެސް މިދުވަސްކޮޅުގެ އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ މި ސުރުހީއެވެ. ނިއުމާމިސް ޑިކްޓޭޝަނަކީ ކޮން އެއްޗެއްކަން ބުނެދިނުމުގެ ގޮތުން ބުންޏެވެ.

"އިނގިރޭސި ބަސްތަކުގެ ސްޕެލިންގ ފަރިތަކުރަން ބަސްތައް ދިނުމުގައި ވެސް "ޑިކްޓޭޝަން" މިހެން ކިޔުމުން ދަރިވަރުންނާއި ބެލެނިވެރިން ވަރަށް ހާސްވެ ކަންބޮޑު ވެއެވެ. އަދި އެއީ 20ވަނަ ޤަރުނުގައި ވެސް ބޭނުން ކުރަމުން އައި ގޮތެވެ.

"ވޯރޑް ފޯ ދަ ވީކް" ފަދަ ތަފާތު އެހެން ނަންތައް ބޭނުން ކުރެވިދާނެއެވެ. އަދި މިހާރު މިކިޔާ ޑިކްޓޭޝަން ފާހަގަ ކުރެވެނީ ވަރަށް "ހައި ސްޓޭކް އެސެސްމަންޓެއް" ގޮތަށެވެ. މުދައްރިސުން ދަރިވަރުންނަށް ދޭ ފީޑްބެކްގެ ސަބަބުން ސްކޫލަށް ނުދާން އުޅުމާއި ކިޔެވުން މަތިން ފޫހިވާތަން ވެސް އެބަ ފެނެއެވެ. އެންމެ ބަހެއް ނުބައި ވިއަސް ދަރިވަރާއި ބެލެނިވެރިޔާ އެކަމާ ހިތާމަ ކުރެއެވެ.ބައެއް ދަރިވަރުނަށް ހަފްތާގެ ބަންދުގައި އާއިލާއެކު ބޭރަށްވެސް މަޖާ ކޮށްލަން މިކަމާ ހެދި ނުދެވެއެވެ. ބެލެނިވެރިން މިދަރިވަރުންނަށް ގަދަ އަޅައިގެން ހަފްތާ ބަންދުގައި މިބަސްތައް ހިތު ދަސްކުރުމަށް ބާރު އަޅުވަނީ އެވެ.

މިއީ 21 ވަނަ ޤަރުނެވެ. މިޤަރުނުގައި މިވަނީ ކިޔަވައި ދިނުމާއި އުނގަންނައި ދިނުމަށް ބަދަލުތަކެއް އައިސް ވަރަށް ބައިވަރު ކުރިއެރުން ތަކެއްވެސް ހޯދައިފައެވެ. މިގޮތުން ސްކޫލްގައި ސްޕެލިންގ ދަސްކޮށް ދިނުމުގައާއި ދަސްކުރަންދޭ އެބަސްތައް އެސެސްކުރުމުގައި ދަރިވަރުން ޝައުޤުވެރިވާ ފަދަ ގޮތަކަށް އެސެސްމަންޓް ބަދަލުކޮށްލަންޖެހެއެވެ. ބަސް ދަސްކުރަން ދިނުމުގައިވެސް ދެވޭ އަދަދު މަދުކޮށްލުން ވެސް މުހިންމެވެ. ދަސްކޮށް ދިނުމުގައި އަކުރުގެ ސައުންޑު/އަޑުތައް/ ފޯނިކްސް / ރައިމިން ވޯރޑްސް/ ބޭނުންކޮށް ސްޕެލް ކުރަން ދަސްކޮށް ދެވިދާނެ އެވެ. ހިތު ދަސްކުރުމަށްވުރެ އެބަސްތައް އެކުދިންނަށް ދޭހަވުން މާމުހިންމެވެ. ނުވަތަ ބަސް ބޭނުން ކުރަން ދަސްކޮށް ދޭންވީ އެވެ. ޑިކްޓޭޝަން އަކީ ކުލާސް ކުދިން "ރޭންކު" ކުރަން ބޭނުން ކުރާ ވަސީލަތެއް ނޫނެވެ.

ކޮންމެ ކުލާހެއްގައިވެސް ތަފާތު ގޮތްގޮތަށް އުނގެނޭ، ތަފާތު ފެންވަރުގެ، އުމުރުގެ ގޮތުން ވެސް ތަފާތު އަދި ލަސްލަހުން އުނގެނޭ ދަރިވަރުން އުޅޭނެއެވެ. ވީމާ މިހާރު މިދެވޭ "ޑިކްޓޭޝަން" ގެ ސަބަބުން ދަރިވަރުނާއި ދަރިވަރުން އަޅާ ކިޔަމުން އެބަ ގެންދެއެވެ." ކުދިންނަށް މިފަދަ ގޮތަކަށް އުނގަންނައިދޭން ވެއްޖެނަމަ މުސްތަގުބަލުގެ ހާލަތު ތަސައްވުރުކޮށްލުމުން ބިރުގަނެ ޖެހިލުން ވާ ވަރުވެއެވެ. މިފަދަ ތަޖުރިބާކާރު ފަރާތްތައް ދެއްވާ ނަސޭހަތްތައް އަޑުއަހާ އެބަސްތަކުން ދޭހަވާ ޝަރަހައަށް ވިސްނާ އެއަށް އަމަލުވެސް ކުރަން ވެއްޖެ ކަން ގައިމެވެ.