އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ފަހަންދަސްކޮށްދޭ ބޭސިކް ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައިފި ކަމަށް އައްޑޫސިޓީގެ ކައުންސިލް އިދާރާއިން އިއުލާންކޮށްފި އެވެ.

އިއުލާނުގައި ވާ ގޮތުން ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ އެސިޓީގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެންނެވެ. އަދި މިއީ އައްޑޫ ސިޓީގެ އަންހެނުންނަކީ ފުދުންތެރި ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އެ ކޮމިޓީއިން އިސްނަގައިގެން މި ކުރިއަށްދާ 2023ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ކޯހެއްކަމަށްވެސް ވެއެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 4 ކުލާހަކަށް ބަހާލެވިގެންނެވެ. އެއީ ހިތަދޫ އެއް ކުލާސް، މަރަދޫ އަދި މަރަދޫފޭދޫ އެއް ކުލާސް، ފޭދޫ އެއްކުލާސް އަދި ހުޅުމީދޫ އެއް ކުލާހެވެ. މި ކޯހުގައި 16 ވައްތަރެއް ފަހަން ދަސްކޮށްދެވޭނެއެވެ. ކޯހުގެ މުއްދަތަކީ 1 މަސް ދުވަހެވެ.

ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ކޯހުގައި ނަން ނޯޓުކުރުމަށާއި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުމަށް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ އިން ވަނީ އިއުލާންކޮށްފައެވެ.