އުކާލެވޭ ތަކެތިން ގަސްކާނާ ތައްޔާރުކުރަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އެ ކައުންސިލްގެ 88 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
މިގޮތުން ގަސް ކާނާ ތައްޔާރުކުރަން ބޭނުން ކުރެވޭނީ އުކާލެވޭ ތަކެތީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލީގެ ބާވަތްތައް ކަމަށް ވެއެވެ. އަދި ގަސްކާނާ ތައްޔާރު ކުރުމުގައި ބަލާނީ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ، ރައްކާތެރި އަދި ހަމަ އެހެންމެ ހަރަދު ކުޑަ ލުއި ފަސޭހަ ނިޒާމެއްގެ ދަށުން ކަމަށްވެސް އެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
"އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވުމުން ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހުގައިވާ ޚިދުމަތުގެ އަގު ނެގުމުގެ ބަޔަށް ގެނެވޭ އިސްލާޙު {ގަސް ކާނާގެ އަގު ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު މާލޭ ސިޓީ ކައުންސިލުންނެވެ.} މިގޮތަށް އިސްލާހުކޮށް ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ." ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
މާލޭ މޭޔަރު ވިދާޅުވީ މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއްކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެކަމާ ގުޅިގެން ހުށަހެޅިފައިވާ ކަރުދާހުގައިވާ ހިދުމަތުގެ އަގު ނެގުމުގެ ބަޔަށް ގެނެވޭ އިސްލާހުގައި ގަސް ކާނާގެ އަގު ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.
މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ނެގޭ ކުނިން ކައުންސިލަށް އާމްދަނީ ވެސް ލިބޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއް ކަމަށް މާލޭ މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
ރައްކާތެރި ގަސްކާނާ އުފެއްދުމާ ގުޅޭ އިތުރު ތަފްސީލް ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު ހިސާބެއްގައި މަސައްކަތް ކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރެއްވިއެވެ.
އަދި މިއާއެކު މިކަމަށް މުވައްޒަފުން ބޭނުންވާ ކަމަށާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރަންޖެހޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި މި އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މިކަމާ ގުޅޭ އުސޫލެއް ވެސް ތައްޔާރުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.