ޢަދުލު އިންސާފު ގާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުހލާތަކުން ޙާޞިލުވާނޭ ކަމެއް ނޫންކަމަށާއި އެއީ މުޅި ދައުލަތުގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިރޭވިދާޅުވެއްޖެއެވެ. "ޤަޟާއީ އަހަރު 2023" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވިދާޅުވީ އަދުލއިންސާފު ގާއިމްކުރުމަކީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ކުރެވޭނޭ ކަމެއް ކަމަށެވެ.

ރައިސް ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ނިޔާ އިއްވުން ހިމެނޭ ކަމަށެވެ. އެކަންކަމުގެ ތެރޭގައި ހިމެނޭ އެންމެހާ މަރުހަލާތަކަކީ ވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ވަރަށް މުހިންމު މަރުޙަލާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށްޓަކައި، ތަހުގީގި މަރުޙަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ގާނޫނީ ވަކީލުންގެ ދައުރު ވެސް ހަމަ އެހާ މުހިންމު. ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފަނޑިޔާރުގެއިން ކުރާ މަސައްކަތުގެ ވަރަށް ބޮޑު ހިއްސާއަކީ، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުޙަލާގައި ޤާނޫނީ ވަކީލުން އަދާކުރާ މުހިންމު ދައުރު. އެހެންކަމުން، ޤާނޫނީ ވަކީލުންގެވެސް އެންމެ މަތީ ޒިންމާއަކަށް ވާންޖެހޭނީ، އަދުލު އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަދުލުއިންސާފު ލިބުމަކީ، ދައުލަތުގެ ދުސްތޫރުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އެ ގައުމެއްގެ ދިދައިގެ ހިޔަލުގައި ވެގެންއުޅޭ ހަމަ ކޮންމެ މީހަކަށްމެ، އެ މީހެއްގެ ހައްގު ފުރިހަމައަށް ލިބިދިނުން ކަމަށެވެ. "އަދުލު އިންސާފު ލިބުމަކީ، ބޯހިޔާވަހިކަމުން ވެސް، ސިއްހަތު ސަލާމަތް ކުރުމުގައިވެސް، އަދި ތައުލީމު ހޯދުމުގައިވެސް އެ މީހަކަށް ހައްގު މިންވަރު ލިބުން. މާތް ﷲގެ ވާގިފުޅާއެކު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން މިއައީ އެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.