މަންމަގެ ހުނަރުން ކުލަ ޖެހިގެން، އަންހެންދަރިއަކު ފެށި މަސައްކަތް ވިޔަފާރީގެ އިތުރުން އަންހެނުން ބާރުވެރިކުރުވާ ވިސްނުމަކަށް ބަދަލުވެގެން ދިޔަ ގޮތް، ކާމިޔާބާ ހަމައަށް ވާސިލު ވުމަށް ކެޑިނޭޅި ކުރަމުންދާ ބުރަ މަސަައްކަތް.
"މަންމަ އަކީ ދުވަސް ވެފައިވާ މީހެއް، މަންމަގެ މި ހުނަރު މިހާރުގެ ޖީލަށް ދަސްކޮށް ދޭން ބޭނުންވީ. އެކަން ކުރެވެން އޮތީ ކޯސް ހިންގައިގެން. ޒަމާނާ އެއްގޮތަށް ކޯސް ފަރުމާކޮށްގެން ފެށީ، ނޯޓްސް ދީގެން ލެވެލްތައް ހަދައިގެން ކިޔަވައިދެނީ."
މިއީ ހިތްވަރާއި ހިންގުންތެރިކަން ހުރި ޒުވާން އަންހެނެކެވެ. ގދ ތިނަދޫއަށް އުފަން އައިމިނަތު ސީމާއަކީ އެއްކަމަކަށް ހުސްވެގެން ހުރުމުގެ ބަދަލުގައި ތަފާތު އެކި މަސައްކަތްތައް ހިންގައި ކުރިއެރުވުމަށް އިސްނަގައިގެން ކުރިއަށްދާ އަންހެނެކެވެ.
"ހަލި"ނޫހަށް ސީމާ ކިޔައިދިނީ އޭނާގެ 'އައި މި ސީ' ޕޭސްޓްރީި އަކުން 'އައި މި ސީ ރެސްޓޯރެންޓަކާ' ހަމައަށް ވާސިލު ވި ގޮތާއި އޭނާގެ ތަފާތު އެކި މަސައްކަތްތަކުގެ ކުރު ހުލާސާ އެކެެވެ.
އެންމެ ފުރަތަމަ ސީމާ ފެށީ އޭނާގެ މަންމަގެ ހުނަރުވެރި މަަސައްކަތްތެެެރިކަމުންނެވެ. އޭނާގެ މަންމަ އާއިޝަތު އިބްރާހީމްގެ ފަރާތުން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިކަން ކުރިއެރުވުމަށް ފެށި ކަސަބު ބޯވަޅު އެޅި ހެދުމުގައި ހިރު ގެތުން ފުޅާވެ އެކަންތައް ސަގާފަތާއި ޒަމާންވީ ކުލަތައް ހިމަނައިގެން ދިރުވައި އާލާ ކުރުމަށް އޭނާ ގަސްދުކުރީ ހިރުގެތުމާއި ކަސަބު ބޯވަަޅު ހެދުން ތައްޔާރު ކުރަން ދަސްކޮށްދޭ ކޯސްތަކެއް ހިންގުމަށެވެ.
އެގޮތުން ސީމާ އިސްނަގައިގެން ހިންގަން ފެށި ކަސަބު ކޯހަކީ މިހާރު އެންމެ ގިނަ ޒުވާން ފެހުންތެރިންގެ ސަމާލުކަން ދަމައިގެންފައިވާ އެއް މަސައްކަތެވެ. ޒަމާނާ ގުޅޭ އެކަށީގެންވާ ގޮތަކަށް މީހުންނާއި ޅަފުރާގެ ކުދިންގެ ޝަައުގު އިތުރުވާނޭ ފަދަ ގޮތަކަށް ކޯސްތައް ކުރިއަށް ގެންދިއުމަށް ސަމާލުކަމަކާއި ހާއްސައިސްކަމެއް ސީމާ ދެއެވެ.
ސީމާގެ މަންމަ އައިޝަތު އިބްރާހީމަކީ 74 އަހަރުވެފައި އިނަސް ހިންގުންތެރި ހިޔާލު ތަނަވަސް މީހެކެވެ. އެތައް އަހަރެއްގެ ތަޖުރިބާ ހުރި މަސައްކަތް ދަރިފުޅު ކުރަން ފެށުމުން އަދި އެކަންތައް މުޖުތަމައުގެ އެހެނިހެން ފަރުދުންނަށް ދަސްކޮށްދިނުމަށް ސީމާ ކުރަމުންދާ މަސައްކަތުގައި އައިޝަތު އިބްރާހީމް ބަރާބަރަށް ބައިވެރިވެއެވެ.
ސީމާ އޭނާގެ މަންމަ، އައިޝަތު އިބްރާހީމަކީވެސް ޖަމްއިއްޔާގެ މެންބަރަކަށް ހެދިއެވެ. އެޖަމްއިއްޔާ ގުޅިގެން މިމަސައްކަތް ދިރުވާ އާލާ ކުރުމުގެ މަސައްކަތް ސީމާ އިސްމީހަކަށް ވެހުރެ އޭނާގެ މަންމައާ އެކު ފެށީ މަންމައަކީ ދުވަސްވެފައިވާ މީހަކަށްވެފައި މަންމަގެ ހުނަރު އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ފޯރާނެހެން މިހާރުގެ މި ޖީލަށް އެހުނަރު ދަސްކޮށްދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުގެ ކޯސްތައް އަމާޒު ކުރަނީ ގޭގައި ތިބެ އިތުރު އާމްދަނީ ހޯދަން ބޭނުންވާ އަންހެނުންނަށް. އެހެން ނަމަވެސް އޮފީސްތަކުގައި އުޅުއްވާ އަންހެން ބޭފުޅުންވެސް ދިޔައީ މިކޯސްތަކުގައި ބައިވެރިވަމުން. އަދި ޑޮކްޓަރުންނާއި އޮފީސްތަކުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ވެސް ދިޔައީ ބައިވެރިވަމުން."
ސީމާ ކިޔައިދިނީ އޭނާގެ "ޕޭސްޓްރީ" ކޯސްތަކުގައި ބައިވެރިވި އެކި އެކި ފަންތީގެ މީހުންނާ ބެހޭ ގޮތުންނެވެ.
އެންމެ ފުރަތަމަ މަންމަގެ މަސައްކަތުގެ ތެރޭގައި އުޅެމުން ކަސަބު ކޯސްހިންގަމުން އައި ސީމާ ކަސަބާއި ފެހުމާ މުޅިން ނުގުޅޭ 'ޕޭސްޓްރީ' ކޯސްތަކެއް ފެށުމުގެ ސިއްރަކީ ކޮބައިތޯ އޮޅުން ފިލުވަން އަހާލުމުން ސީމާ ކިޔައިދިނީ އޭނާގެ ޕޭސްޓްރީ ކޯސްތަކުގެ ފެށުމާއި އެކޯސްތައް ފުޅާ ވެގެން ދިޔަ ގޮތާ ބެހޭ ގޮތުންނެވެ.
ސަރުކާރުގެ ވަޒީފާއެއްގައި އުޅެމުން، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު އާމްދަނީ ހޯދުމުގެ ގަސްދުގައި ސީމާ ފެށި ޕޭސްޓްރީ ތައްޔާރުކުރުމުގެ މަސައްކަތް، ކާމިޔާބުވެ، ފުޅާވެގެން ގޮސްފައި މިވަނީ ހުވަފެނެއްގައިވެސް މިހެން ވެދާނެއޭ ހީނުކުރާހާ ވަރަށެވެ. ގޭގެ ސިޓިންގ ރޫމްގައި ޕާޓީތަކަށް ތައްޔާރުކޮށްދޭން ފެށި ޕޭސްޓްރީ އާންމުންގެ މެދުގައި މަގުބޫޫލުވެ، މީހުންގެ ހުށަހެޅުންތައް ދިޔައީ އިތުރުވަމުންނެވެ.
ސީމާއަށް އަތްގާތް ކޮށްދީ، މަސައްކަތަށް ހުރިހާ ގޮތަކުންވެސް އެހީވަމުން ދިޔަ ދަރިންނާއި ފިރިމީހާގެ އެއްބާރުލުމާއި ހިތްވަރު ދިނުމާއެކު ޕޭސްޓްރީ ކޯސް ހިންގުމަށް ހުޅުވާލުމާއެކު އެންމެ ފުރަތަމަ ކޯހުގައި ބައިވެރިވީ އޭރު އުޅެމުން ދިޔަ އޮފީހުގެ ކުދިންނާއި އަދި ބައެއް ރައްޓެހިންނެވެ. އެ ރަނގަޅު ފެށުމާއެކު ކޯހަކަށް ފަހު ކޯހެއް ގޭގެ ސިޓިންރޫމުގައި ސީމާ ކުރިއަށް ގެންދިޔައެވެ. އެހިސާބުން އޯޑަރަށް ޕޭސްޓްރީ ހެދުން ސީމާ ހުއްޓާލީއެވެ. އޭރު ރަށްރަށުން ވެސް ކޯސްތައް ބާއްވަން އެދެމުންދާތީވެ އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް ޕޭސްޓްރީ ކޯސް ހިންގަން ފެށްޓިއެވެ. ރަށްރަށުގައި ހިންގާ ކޯސްތައް ކުރިއަށް ގެންދަނީ، އެރަށްތަކުގެ އެންޖިއޯ ނުވަތަ އަންހެނުން ކުރިއަރުވާ ކޮމިޓީ ގުޅިގެންނެވެ.
ކޯސް ހިންގަން ރަށްތަކަށް ދާއިރު، ސީމާ ދަނީ ބޭނުންވާ ހުރިހާ އެއްޗެއް ދަނީ ހިފައިގެނެވެ. ކޮންމެ ދަތުރެއްގައި ބޮޑެތި 3 -4 ފޮށިގަނޑު ހިފައިގެން ސީމާ ދަތުރު ކުރަނީ އެއްވެސް އެހީތެރިޔަކާ ނުލައި ހަމަ އެކަނިމާ އެކަންޏެވެ. މިހާތަނަށް 30 އަށްވުރެ ގިނަ ރަށްތަކަށް ކޯސް ހިންގަން ދެވިފައިވާ ކަމަށް ސީމާ ބުންޏެވެ.
އެހިސާބުން ކޯސްހިންގުމަށް 'އައިމި ސީ ޕޭސްޓްރީ' ގެ ނަމުގައި ވަކިން ޕޭސްޓްރީއަށް ތަނެއް ރެޖިސްޓްރީ ކޮށްގެން ކޯސްތައް ހިންގަން ފެށި ކަމަށާއި 5000 ހާހަށްވުރެ ގިނަ އަންހެންކުދިން ތަމްރީނު ކުރެވިއްޖެ ކަމަށް ސީމާ ބުންޏެވެ.
މިހިސާބުން އަދި ނިމުނީއެއް ނޫނެވެ. ތިންވަނަ ކަމަކަށް ސީމާ ފެށީ ތިން، ހަތަަރު، އަންހެނުންނާ އެކުވެގެން ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްގެން، އަންހެނުންނަށް އެވެއަރނެސް ޕްރޮގްރާމްތަކާއި އެކި އެކި މަސައްކަތްތެރި ކަން ދަސްކޮށްދޭ ކޯސްތައް ހިންގާށެވެ މީގެ ތެރޭގައި ކުރީޒަމާނުގެ މަސައްކަތްތެރިކަން ވެސް ހިމެނެ އެވެ. މިގޮތުން އަންހެނުން ބާރުވެރިކޮށްދިނުމާއި ގޭގައި ތިބެ އިތުރު އާމްދަނި ހޯދޭނެ މަސައްކަތް ސީމާ އިސްވެހުރެ އެންޖީއޯ ތެރެއިންނާއި އަދި އަމިއްލަ ގޮތުން ވެސް ކުރެވިފައިވާނެކަންވެސް ސީމާ ހާމަކުރި އެވެ.
"އެޖަމްޢިއްޔާގެ މަޤްޞަދުގެ ތެރޭގައި ގޭގައި ތިބެ މަސައްކަތް ކުރާ އަންހެން ބޭފުޅުންގެ ވިޔަފާރީގެ ރޮނގުން ކުރިއެރުވުމާއި، މަސައްކަތްތެރި އަންހެން މުޖުތަމަޢަށް ނެރުމާއި، ބާރުވެރިކުރުމާއި، ކުރީގެ ނެތެމުންދާ މަސައްކަތް ދިރުވާ އާލާ ކުރުން. 2004ން ފެށިގެން ހުއްޓުމެއް ނެތި މި ދަނީ އަންހެނުންނަށް ތަފާތު ޓްރޭނިންގތައް ދެމުން. މިހާރު "އައިމި ސީ ޕޭސްޓްރީ" ވަނީ "އައިމި ސީ ރެސްޓޯރެންޓަކަށް" ބަދަލުކޮށް އެތަން ވެސް ހިންގަނީ އަޅުގަނޑު އަމިއްލަޔަށް."
ސީމާ ސާބިތުކޮށްދެމުން އެދަނީ މޮޅު މީހަކަށް ނުވަތަ ހިންގުންތެރި އަމިއްލަ ވިޔަފާރިވެރިއަކަށް ވުމަށްޓަކައި ބޮޑު މަހުޖަނެއް ނުވަތަ ގިނަ ފައިސާއާއި މުދާ ކޮންމެހެން މުހިންމު ނޫންކަމެވެ. އަޒުމަކާއި ހިތްވަރަކާއި ނުގުޑާފަދަ ކެރުމަކާއި އިސްނެގުމުގެ އިތުރަށް ފިސާރި ހިންގުންތެރި، ވަގުތަށް ކަމޭހިތާ، ވަަގުތު ބޭކާރުނުކޮށް މަސައްކަތް ކުރުމަކީ ކޮންމެ ކަމެއްގައިވެސް ކުރިއަރައިދިޔުމުގެ އަސްލު ސިއްރެވެ.
"އަޅުގަނޑުގެ މިހިސާބަށް އައުމުގައި އެންމެ ބޮޑު އެހީތެރިވަނީ އަޅުގަނޑުގެ ފިރިމީހާ. ފިރިމީހާގެ އެހީތެރިކަން ނުލިބޭނަމަ އަޅުގަނޑަކަށް ކުރިއަކަށް ނުދެވޭނެ. އޭގެ އިތުރުން ދަރިންނާއި އެއްބަނޑު ކޮއްކޮމެންގެ އެހީތެރިކަން ލިބޭ." ސީމާ އޭނާގެ މިބުރަ އަދި ފުޅާ މަސައްކަތްތަކާއި ކާމިޔާބާއި ކުރިއެރުންތަކުގެ ސިއްރަކީ އޭނާގެ އާއިލާކަން ހާމަކުރަމުން ބުންޏެވެ.
ސީމާއަކީ އަދު އަމިއްލަ ނަމެއް އޮތް އަންހެނެކެވެ. ބޭނުންތައް ފުރިހަމަ ކުރުމަށް ނުވަތަަ މުހުތާދު ފުރިހަމަ ކުރުމަށް މީހެއްގެ އަމުރަށް ތަބާވެ އެހެން ފަރާތަކަށް ބަރޯސާ ވާން ނުޖެހެއެވެ. އަމިއްލަ އާއިލާ އުފާވެރި ކަމާއެކު ފާގަތި ދިރިއުޅުމެއްގައި އުޅެވެން މަގު ކޮށައިގެން ސީމާ އެދަނީ އަދިވެސް އެ މަގު އިތުރަށް ތަނަވަސްކޮށް ފަސޭހަ ކުރަމުންނެވެ. އަންހެނަކަށް ވީތީ ވަކި ނުކުރެވޭނެ ކަމެއްނެތްކަން ސީމާ ދަނީ ހާމަކޮށްދެމުންނެވެ. ހަލި ނޫހުން އެދެނީ ސީމާއަށް ކުރިއެރުމާއި ފާގަތި މުސްތަގުބަލެކެވެ.