މިއަދު ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެ ރަށް ހުުޅުވމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ކުޑަކުދިންނާއި، ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނާއި، ޢާއިލާތައް ދަތުރު ކުރާނޭ ރަށެއް ކަމަށެވެ. "މަންމައާއި ބައްޕައާއި، ކާފައާއި މާމައާއި، ބޮޑުބޭބެއާ، މިހެންގޮސް މި ރަށަށް، ޢާއިލާއެއްގައި ހިމެނޭ ހުރިހާ އެންމެން، ކޮންމެ ދުވަހަކު ކަހަލަހެން ޗުއްޓީ ހޭދަކޮށްލަން އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށަށް ދަތުރު އަންނަ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. "މި ރަށުގެ ސެކިއުރިޓީއާއި، ޚިދުމަތް ދިނުމަށާއި، ސާފުތާހިރުކަން ބެލެހެއްޓުމަށް ގިނަ ސްޓާފުންތަކެއް، އެޗް.ޑީ.ސީ. އިން ޢައްޔަންކޮށްފައި ތިބި ކަމަށްވިޔަސް، މި ރަށް ސާފުތާހިރުކޮށް، މި ދެންނެވިހެން އަމާންކަމާއެކީގައި ދެމިއޮންނާނީ، މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް، އަމިއްލަ ހައިސިއްޔަތުން، ފަރުދެއްގެ ހައިސިއްޔަތުން، މި ދެންނެވި ކަންތައްތަކަށް ސަމާލުކަންދީގެން، އެ މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވިއެވެ.

އެ ރަށަށް މީހުން ޕިކްނިކް އަންނަން ފެށުމުން، ލިބޭ ފީޑްބެކްއާ އެކީގައި، ކުރެވޭ ތަޖުރިބާތަކާ އެކީގައި، ގެންނަންޖެހޭ ބަދަލުތައް އެރަށަށް ގެނައުމަށް ރައީސް ވަނީ އެޗުޑީސީއަށް ދަންނަވައިފައެވެ. މީހުން އެރަށަށް އަންނަން ފެށުމުން މިހާރަށްވެރެވެސް ރަނގަޅު ޚިދުމަތްތައް މީހުން ބޭނުންވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެޗް.ޑީ.ސީ.ގެ ހީވާގި މުވައްޒަފުން، އެއިރަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުން އުފާވާފަދަ ރަށަކަށް ކުޑަގިރި ހައްދަވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.