މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިޔުމަށް ކުރިން ބޭޭނުންކުރަމުންއައި ކުޑަބަނޑޮހަކީ އެތައް ބައެއްގެ މާޒީއާއި، އެތައް އިޙްސާސްތަކަކާ ގުޅިފައިވާ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށްޓަކައި ސަރުކާރުން ތަރައްގީކުރި ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މިއަދު ވިދާޅުވީ ކުޑަބޮނޑޮހާގުޅިފައިވާ އެމަނިކުފާނުގެެ ހަނދާންތަކެއް ވެސް ހުންނަ ކަމަށެވެ. "ކުޑަބަނޑޮހަށް އޭރު ދަތުރުދާން ވެއްޖިއްޔާ، ފުރަތަމަ އަޅުގަނޑުމެން ޖެހޭނީ އެރޭ ހޭލައި ތިބެން. ހޭލައި ތިބެ، އެއް ގެޔަކުން ރޮށި، އަނެއް ގެޔަކުން ރިހަ، އަނެއް ގެޔަކުން މަސްބަތް ނަމަވެސް ހަދައި ތައްޔާރުވެގެން، ހެނދުނު ދޯންޏެއްގައި ފުރައިގެން ކުޑަބަނޑޮހަށް ދާނީ. އެހެންނަމަވެސް، މެންދުރާ ހިސާބަށް އަންނައިރުގައި، އަޅުގަނޑުމެން ތިބޭނީ ހޭޅީގައި އޮންނަ ކޮންމެވެސް މަގޫ ގަހެއްގެ ދޮށަށް ބޯލައިގެން ނިދާފައި،" ރައީސް ވިދަޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ވަރަށް އުފާވެރި، ހިތްހަމަޖެހޭ ތަޖުރިބާއެއް ކަމަށެވެ.

ރޭގަނޑު ނިދުމެއްނެތި ހޭލައި ތިބުމަށްފަހު ކުޑަބަނޑޮހަށް އައިސް މަޖާކޮށްލުމަށްފަހު ރަށަށް ދިޔުން އެއީ ލިބޭ ވަރަށްބޮޑު އުފަލަކަށް ވެގެންދޭ ކަމަށް އެމަނިކުފާނުގެ ހަނދާންތައް އައުކުރައްވަމުން ވިދާޅުވިއެވެ. "އެއީ، އޭރުގެ ތަޖުރިބާތައް. އަޅުގަނޑު ހިތުން މިތާ ތިއްބަވާނެ، އެ ތަޖުރިބާ، އެ އުފާވެރި މާޙައުލުގައި އުޅެފައި ތިބި ވަރަށްގިނަ ބޭފުޅުން. ކުރިމަތިން މިފެންނަ މޭޒުން، ހަމަގައިމުވެސް، މި ތިން މޭޒުން އަޅުގަނޑަށް އެބަ ފެނޭ، އޭގެ ބޭފުޅުން،" ރައީސް ވިދާޅުވިއއެވެ.

އޭރު އެކަން އެހެން އޮތަސް މިއަދު ހުޅުވި ކުޑަގިރިއަށްފަހު މިހާރުގެ މީހުން ބޭނުން ކުރާނީ މުޅިން އެހެން ފެސިލިޓީތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެމަނިކުފާނު އެވިދާޅުވި ތަޖުރިބާކޮށްލަން ބޭނުން ފަރާތްތަކަށްވެސް، އެ ޚިދުމަތް އެގޮތަށް ލިބޭގޮތަށް އިންތިޒާމުވެފައި އޮތުމަކީ، ބައެއް ބޭފުޅުން ބޭނުންވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންވީމާ، ކުޑަގިރީގެ ޚިދުމަތްތައް، ވަސީލަތްތައް ފުރިހަމަވެގެންދާއިރުގައި، މިފަދަ ޒަމާންވެފައި ހުރި މިކަހަލަ ކަންތައްތައް އިޢާދަ ކުރުމަށްޓަކައިވެސް ވިސްނުން ގެންގުޅުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.