މިދިޔަ މަހު ވ. އަތޮޅު ވެމްޕަރ ފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު ހަށިގަނޑުން ބޭނުން ވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން މަރުވެފައި އޮތް މީހަކު އޮޔާ ދަނިކޮށް ފެނިފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އަދި މި ހަށިގަނޑު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ނެގިފައެވެ. އޮޔާ ދަނިކޮށް ފެނުނު މި ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައެވެ. އެހެންކަމުން އެ ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްތޯ ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އޭގެ ފަހުން މި ހަށިގަނޑާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަދު ފުލުހުން ބުނި ގޮތުގައި ވ. އަތޮޅު ވެމްޕަރު ކަނޑުން ފެނުނު ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލައިފި ކަމަށެވެ. ނަމަވެސް ވަޅުލީ ކޮންއިރަކު ކަމެއްވެސް އަދި ކޮންތާކުގައި ކަމެއްވެސް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.