ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ.ގެ ދުބާއިއަށް ފުރާވަޑައިގެންފިއެވެ. މިއީ މިމަހުގެ 13 އިން 15 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީ ގެ ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ސަމިޓުކުރިޔަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްޤީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެއެވެ.

މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ޔޫ.އޭ.އީ. ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.