ގއ ވިލިނގިލީ، ގަދަކޯޅިމާގޭ، 41 އަހަރުގެ މުހައްމަދު ހަސަން، 29 ޑިސެމްބަރު 2022 ވީ ދުވަހުން ފެށިގެން އުޅޭ ވަކި ތަނެއް ނޭނގިގެން ގެއްލިގެން ހޯދަމުންދާ ކަމަށް ފޭސްބުކްގައި މުހައްމަދު ހަސަންގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު އަސްލަމް ވަނީ ޕޯސްޓެއް ހިއްސާކޮށްފައެވެ. މިއީ ކިހިނެއް ވެގެން އުޅޭ ކަމެއްތޯ އާއި މުހައްމަދު ހަސަން ނުފެނިގެން ހޯދަން ފެށުމުގެ ކުރިން އެންމެ ފަހުން ފެނިފައި ވަނީ ކޮންތަނަކުންތޯ އޮޅުން ފިލުވުމަށް "ހަލި" ނޫހުން ސުވާުލު ކުރުމުން އަސްލަމް އޭނާގެ ކޮއްކޮ ގެއްލިގެން އެންމެ ކަންބޮޑުވާ ސަބަބާއެކު ކިޔައިދިނެވެ.

"ކޮއްކޮއަކީ ވަރަށް މަސައްކަތްތެރި އަހުލާގު ހުންނަ ކުއްޖެއް. އަދިވެސް މިހާތަނަށްވެސް ދުވަހަކުވެސް ވައްކަން ކޮށް ފޭރި އެކަހަލަ ކަމެއް ނުކުރޭ. ބުރަ މަސައްކަތް ކޮށްގެން އެކުރާ ކަމެއް ކުރަނީވެސް."

އަސްލަމް "ހަލި" ނޫހަށް މުހައްމަދު ހަސަން ނޫނީ އޭނާގެ ރައްޓެހިންނާއި ރަށުމީހުން އަދި ދަންނަ މީހުން ކިޔާ ނަމުންނަމަ މޮޅޯ މޯޑުއާ ބެހޭ ގޮތުން ކިޔައިދެމުން ބުނިގޮތުގައި މުހައްމަދު (މޮޅޯމޯޑު)އަކީ ވަރަށް ކުޑައިރުއްސުރެ މަސްތުވާތަކެތި ބޭނުން ކުރުމުގެ ހައްދުން ބޭރުވެ، ދުވާލަކު ދެތިން ފަހަރު އިންޖެކްޓް ވެސް ކުރަން ފަށާފައިވާ ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ މިއާދަ އޭނާއަށްވެސް ކެތްނުވާވަރުވުމުން އަމިއްލައަށް ފަރުވާ ހޯދުމަށް ގއ ވިލިނގިލީގައި ހުންނަ ދަނާލް ސެންޓަރަށް ދިޔަ ކަމަށެވެ. ދަނާލަށް ގޮސް ހުއްޓާ ކ ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާގެ ފުރުސަތު ލިބިގެން މިދިޔަ 2022 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ގއ ވިލިނގިލީ ދަނާލް ސެންޓަރުގެ ފަރުވާއަށްފަހު 29 ޑިސެމްބަރު 2022 ވަނަ ދުވަހު ހިންމަފުށީ ސެންޓަރަށް ދިއުމަށް މާލެ ފުރިކަމަށެވެ. އަދި 30 ޑިސެމްބަރު ގައި ހިންމަފުށީ ސެންޓަރާ ހަވާލުވެގަތް ކަމަށެވެ. ނަމަވެސް 31 ޑިސެމްބަރުގައި މުހައްމަދު ވަނީ ރިހެބުން ފިލައިގެން ނުކުމެފައި ކަމަށާއި މި ނިމުނު ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް މަގުމަތިން ފެނިގެން މުހައްމަދާ ސުވާލުކޮށްފައިވާ ކަމަށެވެ.

"ކުރި ސުވާލެއް އަޅުގަނޑަކަށް ނޭނގޭ." އަސްލަމް "ހަލި" ނޫޙަށް ކިޔައިދެމުން ބުންޏެވެ. އަސްލަމް ބުނި ގޮތުގައި ފަހަކަށް އައިސް ގޮތްނޭނގޭ މަރުތައް އާންމުވުމާއި މީހުން ގެއްލޭ ވާހަކައައި އަދި ގެއްލޭ މީހާ ކޮންމެވެސް ގޮތަކުން ފެންނައިރު މަރުވެފައި އޮތުންފަދަ ވާހަކަތައް ސަރުކާރުން ދައްކަމުންދާ ދުވަަސްވަރެއްގައި ކޮއްކޮ ވީނުވީ ތަނެއް ނޭނގުމުން އޭނާ ވަރަށް ކަންބޮޑުވާ ކަމަށެވެ. ވިލިނގިލީ އަދި ހިންމަފުށީ ޕޮލިސް ސްޓޭޝަނާވެސް އޭނާ ވާހަކަ ދެއްކިކަމަށާއި ނަަމަވެސް އެއްވެސް ފަރާތަކަށް މުހައްމަދު ވީ ތަނެއް، އުޅޭ ތަނެއްގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. މޯލްޑިވްސް ޕޮލިސްސާވިސް އިން އަސްލަމް އަށް ދިން ހަމައެކަނި މައުލޫމާތަކީ މާލޭގައި އުޅޭ ކަމަށާއި ދިމާވެފައިވާ ކަމަށެވެ. އިތުރު ވާހަކައެއް މައުލޫމާތެއް އެސާވިސްއަށް ވެސް ލިބިފައި ނެތްކަމަށެވެ.

ކަންތައް މިހެން އޮއްވާ ޖެނުއަރީ މަހުގެ ތެރޭގައި ޑްރަގް ކޯޓުން އަސްލަމަށް ގުޅާފައި ތީ މުހައްމަދު ހަސަން ގެ ބޭބެ ތޯ ސުވާލުކުރި ކަމަށާއި ބޭބެ ކަމަށް ބުނުމުން އެ ކޯޓުން މުހައްމަދު ހޯދަނީ ކަމަށެވެ. "އަޅުގަނޑު ބުނިން އަޅުގަނޑުވެސް އޭނަ ނުފެނިގެން ހޯދަނީއޭ. އަޅުގަނޑު ވަކި ކޮންތާކުންތޯއޭ އޭނައާ ބެހޭ މައުލޫމާތު ހޯދާނީ، ފުލުހުންނަށްވެސް ނޭނގޭއިރު. ދެން އަޅުގަނޑު ގާތު އެހީ އޭނަ އާ ގުޅޭނެ ނަންބަރެއް އެނގޭހޭ، އަޅުގަނޑު ބުނިން ނޭނގެއޭ."

އަސްލަމް ބުނި ގޮތުގައި ކަންތައް މިހިސާބަށް ގޮސްފައި ވަނިކޮށް އޭނާގެ ރައްޓެއްސަކު ގުޅާފައި ކޮއްކޮ ރީހެބަށް ހިންމަފުށްޓަށް އިހަކަށް ދުވަހު ގެންގޮސްފައިވާ ކަމަށް ބުނިކަމަށާއި ހަމަ ވަގުތުން ރީހެބް ސެންޓަރަށް ގުޅުމުން އެތަނުން ޖަވާބު ދިން ގޮތުގައި މި ހުސްވި ޖެނުއަރީ މަހުގެ 6 އެއްގައި މުހައްމަދު އެސެންޓަރުން ދިޔަ ފަހުން އޭނާގެ ހަބަރެއް އެމީހުންނަށް ލިބިފައި ނުވާކަމަށެވެ.

"އަޅުގަނޑު އަތަކު އޭނާގެ ފޮޓޯއެއް ނެތް، އައިޑީ ކާޑާއެކު ޕޯސްޓެއް މިޖެހީ ހަދާނެ ގޮތް ހުސްވާވަރު ވެގެން. މުހައްމަދަށް މީ ސާޅީސްއެއް އަހަރު، މެދުނުކެނޑި މަސްތުވާތަކެތި ބޭނުން ކުރާތާ މިހާރު މިވީ 26 އަހަރު، ދުވާލަކު ހަ ފަހަރު ހަތް ފަހަރު ބޭނުކޮށް ދެ ފަހަރު އިންޖެކްޓް ކުރޭ. މީ ކަންބޮޑުވާ ދަރަޖައިގަ ހުރި މީހެއް. މިއީ ރީހެބަށް އޭނަ ދީފަ ހުރި މައުލޫމާތު. ހުންނަނީ އަހަރެން ކައިރީގަ، އެއް ގޯއްޗެއްގަ. ވަރަށް ވާހަކަ ދައްކައި ނޫޅޭނެ. އަނެއްހެން ވަރަށް އަހުލާގު ރަނގަޅުވާނެ. ދުވަހަކުވެސް ވައްކަމެއް ނުކުރާނެ. ހަމަ ބުރަ މަސައްކަތް ކޮށްގެން އުޅޭނީ. ނޭނގޭ މަސައްކަތެއް ނޯންނާނެ."

ފޭސްބުކުގައި އައިޑީކާޑާއެކު ޕޯސްޓު ހިއްސާ ކުރި ފަހުން އަސްލަމަށް ވަރަށް ގިނަ ކޯލުތައް އަންނަމުންދާ ކަމަށް އޭނާ ބުންޏެވެ. ކޮންމެ ފަރާތަކުންވެސް މުހައްމަދާ ބައްދަލުވި ވާހަކައާ އެމްޕީއެލް ސަރަހައްދުން މަޖޫރީ ގްރޫޕަކާއެެކު އުޅެމުންދާ ކަމަށެވެ.

"ގާތްގަނޑަކަށް ފަސް ހަ ވަރަކަށް މީހުން އެހެން ބުނެފި. އަޅުގަނޑު ފުލުހުންނަށްވެސް އަންގައިފިން މުހައްމަދު އެމްޕީއެލް ސަރަހައްދުގައި މަޖޫރީ ބަޔަކާއެކު މަސައްކަތުގައި އުޅޭތަން މީހުންނަށް ފެންނަ ކަމަށާއި އެކުގައި އެއުޅެނީ މުޅީންވެސް ޑްރަގްސްގެ މީހުންނާ އެކުގައޭ ވެސް ބުނެފަ އޮންނާނީ."

އަސްލަމް ތަކުރާރުކޮށް ބުނީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިޒަމާނުގައި ކަންތައް ހިނގަމުންދާ ގޮތުން މީހާ ގެއްލިފައި ނުފެނުމާއި ފެންނައިރު ގޮތް ނޭނގޭ މަރަކުން މަރުވެފައި އޮންނާތީ ކަމަށެވެ. މަންމައާއި ބައްޕަ ނިޔާވެފައި ވާއިރު މުހައްމަދުގެ އެއްބަނޑު އެއްބަފާ ހުރި ހަމައެެކަނި މީހަކީ އަސްލަމެވެ. އެއްބަނޑު ދެބަފާ، ނޫނީ ދެބަނޑު އެއްބަފާ ކުދިން ތިއްބަސް މުހައްމަދުގ ގާތް މީހަކީ އަސްލަމެވެ.

ކޮއްކޮ މުހައްމަދު ހަސަން، މޮޅޯ މޯޑުގެ އެއްވެސް ހަބަރެއް އެއްވެސް މީހަކަށް އެނގޭނަމަ ވީހާވެސް އަވަހަށް އަސްލަމަށް ގުޅައި އަންގައިދިނުމަކީ އޭނަގެ ވަރަށް ބޮޑު އިލްތިމާސްއެކެވެ. މުހައްމަދު އަސްލަމަށް ގުޅޭނެ ނަންބަރަކީ 9666077 އެވެ.