ހދ. ނޮޅިވަރަމްގެ ޓާފް ދަނޑުގައި އެޅުމަށް ބަހައްޓާފައި ހުރި ޓާފްތަކުގައި އަނެއްކާވެސް ރޯވެއްޖެއެވެ.

މިއީ މިއަހަރު ތެރޭގައި ނޮޅިވަރަމުގައި ހަދަމުންދާ ޓާފް ދަނޑުގައި ހުރި ޓާފްތަކުގައި އަލިފާން ރޯވި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހުވެސް ދަނޑުގައި ޓާފްތަކުގައި ރޯވި ފަހަރުވެސް ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވުނެވެ.

ނޮޅިވަރަމް ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މިއަދު 3:45 ހާއިރު އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ޓާފް ދަނޑު ކައިރީގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކައުންސިލުން ވިދާޅުވީ އަދި މިހާތަނަށް ބެލެވެނީ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ ކަމަށެވެ.

"އަމިއްލަ ޒާތުގައި އަލިފާން ހިފާ ކަހަލަ އެއްޗިއްސެއް ނޫން. ބަޔަކު ރޯކޮށްލީ ކަމަށް ބެލެވެނީ. އެކަމަކު ރޯކޮށްލިތަން ފެނުނު ބަޔަކު ވެސް އަދި ނެތް." ކައުންސިލުން ވިދާޅުވީ މިފަހަރު އެ ރޯކޮށްލީ، ކުރިން ރޯކޮށްލި ޓާފްތަކުން ބާކީ ހުރިބައިގަ ކަމަށެވެ.

ކުރީ ފަހަރު ޓާފް ތަކުގައި ރޯކޮށްލި މައްސަލައިގަ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި އަޅަން ތައްޔާރު ކޮށްފައި ހުރި ޓާފްގައި ރޯކޮށްލީ ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.

ނޮޅިވަރަމުގެ ޓާފް ދަނޑުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ނަމަވެސް މަސައްކަތް ލަސް ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ދަނޑުގެ މަސައްކަތް އަވަހަށް ނިމި ޒުވާނުންނަށް ދަނޑު ބޭނުން ކުރެވޭނެ ވަރު ކުރުމަށް، މިހާރުގެ ކައުންސިލުން ވެސް ޔޫތު މިނިސްޓްރީގައި ވަނީ އެދިފައެވެ.