އެސްޓީއޯއިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޝިއަރަކާ ނުލާ މަސައްކަތް ކުރާ ސްމާޓް ފިހާރަ މި މާރިޗްމަހު ހުޅުވާނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

މިކަން އެސްޓީއޯގެ އެމްޑީ ހުސައިން ޢަމްރު ހާމަކޮށްފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓުގައި އަމްރު ވިދާޅުވެފައި ވަނީ އެތަނުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މާޗު މަހުގައި ހުޅުވޭނެ ކަމަށެވެ.

އެސްޓީއޯގެ "ސްމާޓް ޝޮޕް" ނުވަތަ ކޭޝިއަރެއް ނުހުންނަ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ވަކި އެޕްލިކޭޝަން މެދުވެރިކޮށް ކިއު-އާރް ކޯޑު ސްކޭން ކުރުމުން ފިހާރައިގެ ދޮރު ހުޅުވޭނެއެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުން ކުރާ ބޭންކް ކާޑު އެޕްލިކޭޝަންގައި އިންޓަގްރޭޓްކޮށްފައި ވުމުން ފިހާރައިން ބޭނުންވާ މުދަލެއް ނަގައިގެން ނިކުންނަ އިރު އަމިއްލައަށް ކާޑުން ނެގި ސާމާނުގެ އަގުވެސް ކަނޑައެޅިގެންދާނެއެވެ.

މިއީ އެސްޓީއޯ އިން ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރާ "ގްރެބް އެންޑް ގޯ" ކޮންސެޕްޓްގެ ފިހާރައެކެވެ. މި ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފްކޮށް ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.