ހުޅުމާލޭ ދެވަނަފިޔަވަހީގައި އެސްޓީއޯގެ ޝޮޕިންގމޯލެއް ހަދަން އުޅޭ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އެ ކުންފުނީގެ ޝޮޕިންގ މޯލެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަން އުޅޭ ވާހަކަ ހާމަކޮށްފައި ވަނީ ޓްވިޓާގައި މީހަކު ކުރި ރިކްއެސްޓަކަށް ޖަވާބުދެއްވުމުގެ ތެރޭގައެވެ. އިއްޔެ މީހަކު ކުރި ޓްވީޓެއްގައި، ދެވަނަ ފިޔަވަހީގައި މިހާރު ހިންގަމުންދާ ފިހާރަތަކުން މުދާ ވިއްކާ އަގު ބޮޑުކަމަށް ބުނުމަށްފަހު އެސްޓީއޯގެ ފިހާރައެއް އެސަރަހައްދުގައި ހުޅުވައިދިނުމަށް ވަނީ އެދިފައެވެ. މިޓްވީޓަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ޝޮޕިންގ މޯލެއް އަޅަން ތައްޔާރު ވަމުންދާ ކަމަށެވެ.
ނަމަވެސް މި މޯލު އެޅުމާބެހޭ ގޮތުން އިތުރު ތަފްސީލެއް އަމްރު ދެއްވާފައެއް ނުވެއެވެ.
އެސްޓީއޯ އިން މިހާރުވެސް ދަނީ ހުޅުމާލޭގައި ކޭޝިއަރަކާ ނުލާ މަސައްކަތް ކުރާނެ ސްމާޓް ފިހާރައެއްގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ އެކުންފުނިން ޓްރޭޑް ސެންޓަރުގައި ހިންގަމުން އައި ސުޕަމާޓުގެ ޖާގަ ތިންގުނައަށް ބޮޑުކޮށް ޕީޕަލްސް ޗޮއިސްގެ ނަމުގައި މެގަ މޯލްއެއް މިދިޔަ އަހަރުގެ މާރިޗުމަހު ހުޅުވައިފައެވެ. އަދި އެމޯލްއިން ދަނީ އެސްޓީއޯގެ މުދަލުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ މުދާވެސް ވިއްކަމުންނެވެ.