ފުރަމޭގައި ސަރުބީ ހިފުމަކީ ވަރަަށް އާންމު މައްސަލައެކެވެ. ހާއްސަކޮށް އަޅުގަނޑުމެން ދިވެހިން ކަހަލަ ކެއުމުގައި ތެލާއި ހަވާދުފަދަ ކުޅި، ލޮނު ރަހަތައް މީރުވެގެން ގަދައަށް ތެޔޮ ހުންނަ ކެއުންތަކަށް އާދަވެފައި ތިބޭ ފަރާތްތަކަށް މިއީ ހަމަ ޔަގީނުންވެސް ވަރަށް ފަސޭހައިން ދިމާވާނެ ފަދަ މައްސަލައެކެވެ. ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި މިމައްސަލަ މިވަނީ އާންމުވެފައެވެ.އެހެން ވާން ޖެހޭ މައިގަނޑު މައްސަލައެއް ކަމަށް ރާއްޖޭގެ އިތުބާރު ހުރި ޑައެޓިޝަން އާސިޔާ އަބްދުއްރަހީމް ފޭސްބުކްގައި އަދި ޓިކްޓޮކް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިޔޯއެއްގައި ވަރަށްވެސް ތަފުސީލުކޮށް ހާމަކޮށްދެއްވާފައިވެއެވެ.
ޑައެޓިޝަން އާސިޔާ ވިދާޅުވާ ގޮތުގައި ފުރަމޭގައި ސަރުބީ ހިފުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިފައިވާ ނޭދެވޭ ބަދަލުތަކެވެ. ފުރަމޭގައި ސަރުބީ ހިފިޔަ ނުދޭން، ނުވަތަ ހިފާފައިވާނަމަ އެކަންތައް ރަނގަޅުކޮށްލުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ކެއިން ބުއިމުގައި ދެ އިރު ދޭތެރޭ މާނައަކީ ކާގަޑީގެ ދެގަޑި ދޭތެރެ ދުރު ނުކުރުން ކަމަށް ޑައެޓިޝަން އާސިޔާ ވިދާޅުވެފައިވެއެވެ.
މިގޮތުން މިސާލަކަށް ހެނދުނުގެ ނާސްތާއަށް ފަހު މެންދުރުގެ ކެއުން ލަސްނުކުރުމާއި ކާގަޑިތައް ކާއިރުތަކަށް އަވަސް ކުރުންކަމަށް ވިދާޅުވެފައިވެއެވެ. ހެނދުނުގެ ނާސްތާ ހެނދުނު އަށެއްގެ ކުރިއަށް ޖައްސާލުން މުހިންމެވެ. އަދި މެންދުރުގެ ކެއުމާ ދެމެދު ހުސްބަނޑާ ނުހުރެ ފައިދާ ކުރުވަނިވި މޭވާއެއްކަހަލަ އެއްޗެއް ކާލުން ރަނގަޅެވެ. މެންދުރުގެ ކެއުންވެސް މެންދުރުގެ 12 އާއި 2 ޖެހުމާ ދެމެދު ކެއުމާއި ހަވީރުގެ ސައިގަޑީގައި ލުއި ގޮތަކަށްފަހު ރޭގަނޑުގެ ކެއުންވެސް ކާންވާނެއެވެ. ދެކެއުމުގެ ދެމެދުގައި ގިނައިރުތަކެއް ވުމުން ކާތަކެތި ނާންދާ ފުރަމޭގައި ރައްކާކުރެވޭގޮތްވެއެވެ.
ފުރަމޭގައި ސަރުބީ ޖެހިޔަ ނުދޭން ކުރެވޭނެ ދެވަނަ ކަމަކީ ގޮވާން ނުވަތަ ފަލަމަޑީގެ ބާވަތްތައް މެދުމިނެއްގައި ހިމެނުމެވެ.
މައިގަނޑު ކެއުމެއްގައި އާންމުކޮށް ދިވެއްސަކު ހިމަނާލަން މިޖެހެނީ، ބާވަތަކުން ދޭއް ނޫނީ ތިނެކެވެ. އެއީ ދެރޮށި ނުވަތަ އެންމެ ގިނަ ވެގެންވެސް ތިން ރޮށްޓެވެ. ބަތްނަމަ ދޮޅުސަމުސާ ބަތް ނޫނީ ދެ ސަމުސާ ބަތެވެ. އެއަށް ވުރެ ގިނަ ވީމަ ފުރަމޭގައި ސަރުބީ ހިފުން ގާތްވެއެވެ. މައިގަނޑު ކެއުންތަކުގައި ގޮވާން ނުވަތަ ފަލަމަޑި ހިމަނާލަން ވާނެއެވެ. އެކަމަކު އޭގެ މިންގަނޑު އިތުރުވުމަކީ ސަރުބީގެ މައްސަލަ އިތުރުވާނެކަމެއްކަމަށް އާސިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
މިންހެޔޮ ކެއުމެއް ކެއުމެވެ. ބަތާއި ރޮށްޓާ އެއްވަރަށް މަސް އަދި މި ދެބާވަތާ އެއްވަރަށް ތަރުކާރީ އެޅުމެވެ.
ފުރަމޭގައި ސަރުބީ ހިފުމުގެ އަނެއް ސަބަބަކީ ބިސްކޯދު، ފާރޮށި ފަދަ ތަކެތި މާގިނައިން ކެއުން ކަމަށްވެސް އާސިޔާ ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ހަވީރު ސަޔަށްވެސް ދޭއް ތިނެއް ވަރު މިފަދަ ތަކެތި ކެޔަސް މިތަކެތިން ދުރުވާން ޖެހެއެވެ. ދެން ފޮނި ބާވަތްތައް މަދުކުރަން ޖެހެއެވެ. އެގޮތުން ދިވެހިން ވަރަށް އާންމުކޮށް ބޭނުން ކުރާ ޕެކެޓް ކޮފީފަދަ ހަކުރު ގިނައިން ހުންނަ އަދި ހަކުރު އަޅައިގެން ބޯ ބުއިންތައް މަދު ކުރުން މުހިންމެވެ.
މިހުރިހާ ކަމަކާ އެއްވަރަށް ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ކަމަކަށްވެސް އެންމެ މުހިންމު ބައެވެ. އެހެންކަމުން ފުރަމޭގައި ސަރުބީ ޖެހުމުން ދުރުވެ، ރައްކާތެރި ސިއްހަތެއްގައި ހުރުމަށް ކަސްރަތާމެދު ސަމާލުވުމަށްވެސް ޑައެޓިޝަން އާސިޔާ ހާއްސަކޮށް ވިދާޅުވެފައިވެއެވެ. މިފަދަ ސިއްހީ ކަންތައްތަކުގައި ޑައެޓިޝަން އާސިޔާ އަބްދުއްރަހީމް ދެއްވާ އިރުޝާދާއި ހިއްސާ ކުރައްވާ ސައްހަ މައުލޫމާތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރުމުން ނަތީޖާ ފެންނާނެކަން ގައިމެވެ.