އެސްޓީއޯ ލިޓްލް ވޮންޑާސް ޕޮރޮގްރާމް މިއަދު ފަށައިފިއެވެ. މިއީ އެ ކުންފުނީގެ މެނޭޖްމެންޓުން އިސްނަގައިގެން ފެށި ޚާއްސަ ހަރަކާތެކެވެ. މިއަދު އެ ޕްރޮގްރާމް ފަށްޓަވައިދެއްވާފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރާއި، ޖެނެރަލް މެނޭޖަރ އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.

ލިޓްލް ވަންޑަރސް ޕްރޮގްރާމްއަކީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމާއި، މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ފެށި ޑެކެއާ އެސިސްޓެންޓް ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމެވެ. އޭގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް މަގުފަހު ކުރުމަށް އެހީތެރިވެދިނުން ކަމަށް އެކުންފުނީން ބުނެފައިވެއެވެ. އެސްޓީއޯއިން ބުނީ އެކުންފުނީގެ ގަސްތަކީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެކުންފުނީގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެއެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލައި، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ. މި ޕްރޮގްރާމުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވާން ބޭނުންވާ 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ކޮންމެ މަހަކު 2،500 ރުފިޔާއާ ހަމައަށް އެސްޓީއޯއިން އެހީތެރިވެދޭނެއެވެ.

އެކުންފުނީގެ ވިސްނުމެއް ކަމަށް ބުނެފައިވަނީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެޖިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެޖިސްޓްރީވުމުގެ އިހްތިޔާރު ދިނުން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް ބާރުއެޅުމުގެ ވިސްނެވުމާއެކު ނިންމެވި ނިންމެވުމެކެވެ.

ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމްކުރުމަކީ އެކުންފުނީގެ ވިސްނުމެވެ. އެސްޓީއޯ ތަރައްގީކުރުމުގައި ދެޖިންސުގެ މީހުން ވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި، މަސައްކަތްކުރާ ބެލެނިވެރިންނަކީ ގައުމުގައި ޑިމޮގްރަފިކް ޓްރެންޑެއް އިތުރުވަމުންދާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެވްރެޖްކޮށް ބެލެނިވެރިން ދުވާލަކު 8 ގަޑިއިރު މަސައްކަތުގައި ހޭދަކުރާ ކަމަށާއި އެހެން ކަމުން ކުޑަކުދިން ބަލަހައްޓައިދިނުމަކީ އަބަދުވެސް މަސައްކަތްކުރާ ބެލެނިވެރިންގެ ވަރަށް ބޮޑު ބޭނުންތެރިކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"އަދާކުރާ ވަޒީފާއާއި ދިރިއިޅުމަކީ ގުޅުމެއްނެތް ތަފާތު ދެކަމެއްކަމުގައި ދެކުން މާޒީވެއްޖެއެވެ. ދިރިއުޅުމުގައި ދިމާވާކަންކަމުން މަސައްކަތަށް އަސަރުކުރާނޭކަމީ އަދުގެ ކުންފުނިތަކުން ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެގޮތުން ދިރިއުޅުމާއި މަސައްކަތް ބެލޭންސް ކުރުމުގައި އެހީތެރިވެދިނުމުގައި ކުންފުނިތަކުގެ ދައުރު ބޮޑެވެ. އަދި މިފަދަ ބަދަލުތައް ތައާރަފްކޮށް ކިޔައިދިނުމުގައި އެސްޓީއޯގެ ދައިރުވެސް އެހާމެ ބޮޑެވެ. މި ކުންފުނިން އަންނަނީ އަބަދުވެސް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތަށް ދެނެގަތުމުގައި ސާވޭތައް ހަދަމުންނެވެ." އެކުންފުނީން ބުނެފައިވެއެވެ.

އެގޮތުން ޑޭކެއާޚިދުމަތާއި ބޭނުން ދެނެގަތުމުގެ މަސައްކަތްތަށް ކުރިއަށް ގެންދަމުންއަންތާ މިހާރު އަހަރެއްވަނީ ވެފައެވެ. އެސްޓީއޯގެ އުންމީދަކީ ކުންފުނީގެ ލިޓްލް ވޮންޑާސް ޕްރޮގްރާމްއާއި އެކު ކުޑަކުދިންނަށް ޚާއްސަ ގޭގައި އޮންނަ ފަދަ ފެންވަރު ރަނގަޅު މާހައުލެއްގައި ކުދިންގެ އިޖުތިމާޢީ ހުނަރާއި ޢިލްމު ތަރައްގީ ކުރުމަށް ޚާއްޞަކޮށްފައިވާ ޕްރޮގްރާމްތަކާއެކު ކުދިންނަށް ޚާއްޞަ ޚިދުމަތްތަކެއް ލިބިގެންދިއުން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.