އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އޭއައިސީ މޯލްޑިވްސް އިން ދުނިޔޭގައި ދިމާވާ އެކި ކަހަލަ ކާރިސާތަކާއި ޙާދިސާތަކުގަައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުމަށް ހިންގާ ހަރަކާތްތަކާއި ކުރާ މަސައްކަތްތަކަކީ ޔަގީނުންވެސް ސާބަސް ހައްގުވާފަދަ މަސައްކަތްތަކެކެވެ.

ދާދި ފަހުން ސީރިޔާއިން ބަޔަކާއި ތުރުކީވިލާތަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އޭއައިސީ އިން ތުރުކީ ވިލާތަށް ގޮސް ކުރަމުންދާ މަސައްކަތްތަކާއި ވެދެމުންދާ އެހީތެރިކަމަކީ ދިވެހިންގެ ތެރެއިން އެހިސާބަށް ދާން ބޭނުންވެ އެހީވާން ބޭނުންވެފައި ތިބޭ ފަރާތްތަކަށްވެސް އެމަގު ފަހިވެގެންދާ ފަދައަކުން ކުރިއަށް ގެންދާ އިންސާނިއްޔަތުގެ ހަމަ ނުހަނު ފުރިހަމަ ދަރުމަ ހުރި މަސައްކަތެކެވެ.

ފޮޓޯ:އޭއައިސީއިންސްޓަގްރާމް

އޭއައިސީގެ ސޯޝަލް މީޑިޔާގެ ފޭސްބުކްއާއި އިންސްޓަގްރާމްގެ ވީޑިޔޯތަކުން ސީރިޔާއާއި ތުރުކީގެ ހާލަތު މެދުކެނޑުމެއް ނެތި ގެނެސްދެމުންދާއިރު ދިވެހިންގެ ފަރާތުން ދައްކަމުން ދަނީ އަބަދުވެސް މިފަދަ ކާރިސާތަކާ ގުޅިގެން ފެންނަފަދަ ނަމޫނާ މިސާލެކެވެ. މިހާތަނަށް ދިވެހިންގެ އެހީއާއެކު ސީރިޔާގެ ހުޅަނގުއުތުރުން ބިންހެލުމުގައި ޙާލުގައި ޖެހުނު ފަރާތްތަކަށް، ކެއްކި ތާޒާ ހޫނު 2000ކެއުން ފޯރުކޮށްދެވިފައިވާ ކަމަށާއި މިވަގުތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ޒަރޫރީ ބޭނުންތައް ފުއްދައިދެވޭތޯ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށްވެސް އޭއައިސީއިން ވަނީ ހާމަކޮށްފައެެވެ.

ފޮޓޯ:އޭއައިސީއިންސްޓަގްރާމް

ދެދުވަސް ކުރިން އޭއައިސީއިން ގެނެސްދިން ވީޑިޔޯއެއްގައި ހާމަކޮށްފައިވާ ގޮތުން 33 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ މައިނަސް ދޭއްގައިކަމުން އިމާރާތެއްގެ ދަށުން ދިރިހުރި ފުރާނައެއް ސަލާމަތްވުމުގެ އުންމީދު ކުޑަކަމަށެވެ. އަދި އެހާތަނަށް އައިއިރު ސާޗް އެންޑް ރެސްކިއު ގާތްގަނޑަކަށް ނިމި ސާޗް އެންޑް ރިކަވަރީ ފޭސްގެ މަސައްކަތް ފެށިފައިވާކަން ހާމަކުރަމުން އެކަށީގެންވާ ގޮތުގައި ސީރިޔާއަށް އެހީތެރިކަމެއް ފޯރުކޮށްދެވެމުން ނުދާ ކަމަށެވެ.

ދާދިފަހުން ދިވެހިރާއްޖެއިން ތުރުކީގެ މިހާލަތަށް އެހީވުމަށް އޭއައިސީގެ އެހީއަށް ފުރާވަޑައިގެންނެވި ރާއްޖޭގެ އެންމެ ގާބިލު އެތެރެހަށީގެ އެއްޑޮކްޓާރ ޑރ މުހައްމަދު އަލީ ހިއްސާ ކުރައްވާފައިވާ ވީޑިޔޯއެއްގައި ވަގުތުގެ ހާލަތު ބަޔާންކޮށް ދެއްވަމުން އަދިވެސް ތުރުކީއަށް އެހީ ބޭނުންވާކަމަށާއި ފައިސާ ޖަމާކުރެއްވުމަށް އެދޭ އަދި ކުރެވޭވަރުގެ ފަރާތްތަކުން އެހީފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ފޮޓޯ: އޭއައިސީގެ އިންސްޓްގްރާމް

އޭއައިސީއިން ހާމަކޮށްފައިވާ ގޮތުގައި ތުރުކީ އަދި ސީރިޔާއަށް ބާރުގަދަ ބިންހެލުންތަކެއް އައި ތާ މިއަދަށް 9 ދުވަސް ވީ އިރު ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ ގެތަކުގެ ދަށުގައި ތާށިވެފައިވާ ފަރާތްތަށް ހޯދުމުގެ މަސައްކަތްތަށް ދަނީ ކެނޑި ނޭޅި ރެއާއި ދުވާލު ކުރެވެމުންނެވެ.

ސާރޗް އެންޑް ރެސްކިއު އާއި ސާރޗްއެންޑް ރިކަވަރީ ގައި އަމަލީ ގޮތުން ބައިވެރި ނުވެވުނަސް މިކަމުގައި ބައިވެރިވެ އެހީތެރިވެވިދާނެ ގޮތްތައް އެބަހުރިކަން ހާމަކުރަމުން އޭއައިސީއިން ބުނެފައިވަނީ ހާލުގައި ޖެހިފައިވާ ފަރާތް ތަކަށް މިވަގުތަށް އެންމެ ބޭނުންވާ ތަކެއްޗާއި ސާރޗް އެންޑް ރެސްކިއުއާއި ރިކަވަރީގެ ޓީމުތަކަށް ބޭނުންވާ އެކުއިޕްމަންޓް އެމަރޖެންސީ ރިލީފް ފަންޑުގެ ދަށުން ފޯރުކޮށް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޑރ މުހައްމަދުއަލީ.. ފޮޓޯ:އޭއައިސީއިންސްޓަގްރާމް

އޭއައިސީއިން ހުޅުވާލެވިފައިވާ މި ދަރުމައިގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމަށް ތިރީގައިވާ އެކައުންޓު ހިޔާރުކޮށް ލައްވާށެވެ.

‌‎ބީއެމްއެލް އިސްލާމިކް ‌‎އެކައުންޓް ނަމްބަރު: 7770000062741 ‌‎

އެކައުންޓް ނަން: International Aid Campaign ‌‎

އެކައުންޓް ލޭބަލް:IAC | EMERGENCY ‌‎

(އޭއައިސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.)

އޭއައިސީއިން ކުރަމުންދާ އިންސާނިއްޔަތުގެ މިހިދުމަތުގެ މަސައްކަތަކީ ކިތަންމެހާވެސް ދަރުމަހުރި ކަމެކެވެ. އަޅުގަނޑުމެން ކަހަލަ މުސްލިމު އަޅުންތަކެއް ހާލުގައި ނިމިދާ މަންޒަރާއި ވޭނުން ފުރޭ ރުއިމާއިއެކުވެސް ތައުހީދުގެ ބަސްތައް އިވެމުންދާ އެބިމުގައި ދިވެހިންގެ އެންމެހާ ރައްޔިތުންގެ ނަމުގައި އޭއައިސީއިން ކުރަމުންދާ މިންނެތް މަސައްކަތަށް ހަމަ އައްސަރި ބަހާއި ސާބަހެވެ. މާތް ﷲ އެބައިމީހުންގެ މަސައްކަތުގައި ބަރަކާތްލައްވައި، އޭއައިސީގެ އެންމެހާ ފަރާތްތަކަށް ދަރުމައާއި ސަވާބު މިންވަރުކޮށްދެއްވާނެތެވެ. އާމީން!