ޔޫރަޕްގެ ގައުމުތަކުގެ މީހުން މާސްކް އަޅަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން އަންގައިފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، ކުރިމަތިވަމުން މި އަންނަނީ ކްރިސްމަސް ޗުއްޓީ ދުވަސްވަރު ކަމަށްވެފައި، މި ޗުއްޓީ ތެރޭގައި ބާއްވާ ހަރަކާތްތަކާއި، އާއިލީ އެއްވުންތަކުގައިވެސް އެންމެން މާސްކް އަޅައިގެން އުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިގޮތަށް އަމަލުނުކޮށްފިނަމަ ޗުއްޓީ ދުވަސްތަކަށްފަހު މިފެށޭ 2021 ވަނަ އަހަރުގެ ކުރީކޮޅު ޔޫރަޕްގައި ކޮވިޑްބަލި އާދަޔާ ޚިލާފް ބާރުމިނުގައި ފެތުރިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި އިންޒާރު ކޮށްފައި ވެއެވެ.

ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް ފެތުރުން ހުއްޓުވައި މަދުކުރުމަށް ކުރެވުނު މަސައްކަތަކުގައި ޔޫރަޕްގެ ބައެއް ގައުމުތަކަށް ނާޒުކު ކުރިއެރުންތައް ހޯދިފައި ވީނަމަވެސް، މުޅި ޔޫރަޕް ސަރަހައްދުގައި ކޮވިޑްބަލި ހަލުވިކަމާއެކު އަދިވެސް ފެތުރެމުންދާ ކަމަށާއި، އޭގެ ނުރައްކާވެސް ބޮޑު ކަމަށެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ނުވަތަ ފުރަތަމަ މަސްދުވަހުގެ ތެރޭގައި އަލުން ބަލި ފެތުރިގަންނާނެކަމުގެ ރިސްކް އޮތުމުން، އެކަން އެގޮތަށް ވިޔަނުދީ، ބަލިމަޑުކަމުން ސަލާމަތްވާން ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ އާންމުންނަށް ޑަބްލިޔުއެޗްއޯއިން ވަނީ، ކަންކަން ލުއިކޮށް ނުނެގުމަށް އިލްތިމާސް ކޮށްފައެވެ. ރައްކާތެރި ފިޔަވަޅު އެންމެންވެސް އެޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

އެގޮތުން، ކްރިސްމަސް ޗުއްޓީ ތެރޭގައިވެސް ހަފްލާތައް ބާއްވާނަމަ ގެއިން ބޭރުގައި ބޭއްވުމަށާއި، މާސްކް އަޅައި އަދި ގައިދުރުކަން ބަހައްޓައިގެން އެފަދަ ހަރަކާތްތައް ބޭއްވުމަށްވެސް ޑަބްލިޔުއެޗްއޯއިން އިލްތިމާސް ކޮށްފައި ވެއެވެ.

އިންޑޯ އިވެންޓްތައް ބޭއްވި ނަމަވެސް، ވީހާވެސް މީހުން މަދުކޮށް އެކަން ކުރުމަށާއި އަދި ވެންޓިލޭޝަން ރަނގަޅު ތަންތާ އިވެންޓްތައް ބޭއްވުމަށް ޑަބްލިޔުއެޗްއޯއިން އެދިފައި ވެއެވެ. އިންޑޯރ ނުވަތަ ވައި ދައުރުނުވާ ތަންތަނަކީ ކޮވިޑް ފެތުރުމުގެ ނުރައްކާ ބޮޑު ތަންތަނެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ރަހްމަތްތެރިންނާއި، އާއިލާ މީހުންނާއެކު އުޅޭއިރު މާސްކް އަޅައިގެން އުޅުމާއި، ގައިދުރުކަން ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށާއި، ނަމަވެސް އެންމެންގެ ސިއްހަތު ސަލާމަތަށްޓަކައި އެކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.