ޖަޕާނުގެ އާންމު ރައްޔިތުން ޕާޓީތައް ބޭއްވުމާއި، ސޯޝަލް އެއްވުންތައް ބޭއްވުން މަނާކުރެއްވުމަށްފަހު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ، ފަރީއްކޮޅުތަކާއި، ސޯޝަލް އެއްވުންތަކުގައި ބައިވެރިވެވަޑައި ގަންނަވާތީ އާންމުންގެ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން އެބަދެއެވެ.

އަހަރު ނިމޭތީ، އެކަން ފާހަގަކުރުމުގެ ގޮތުން މި ހަފްތާ ތެރޭގައި ބޭއްވި ރޭގަނޑުގެ އެތައް ފަރީއްކޮޅެއްގައާއި، ސޯޝަލް އެއްވުންތަކުގައި ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ބައިވެރިވެވަޑައިގެންފައެވެ. މިފަދަ ފަރީއްކޮޅުތަކާއި، އެއްވުންތަކުގައި އެތައް ބޭފުޅުން ބައިވެރިވެވަޑައި ގަންނަވައެވެ.

އެހެން ނަމަވެސް، ޖަޕާނު ސަރުކާރުންވަނީ، ގިނަ މީހުން ބައިވެރިވާ ކެއުންތަކާއި، ޕާޓީތަކާއި، ސޯޝަލް އެއްވުންތައް ބޭއްވުން އާންމުންނަށް މަނާކޮށްފައެވެ.

ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާގެ އަމަލުތައް ހުރިގޮތުން، ޖަޕާނުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންވެސް ގެންދަނީ ބޮޑުވަޒީރަށް ނުރުހުން ފާޅުކޮށް، އެކަން ކުށްވެރި ކުރަމުންނެވެ.

އެހެން ނަމަވެސް، ޖަޕާނު ސަރުކާރުގެ ކޮރޯނާވައިރަސްއާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރ ޔަސުޓޮޝީ ނިޝިމޫރާވަނީ ބޮޑުވަޒީރު ދިފާއު ކުރައްވާފައެވެ.

ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ނިޝިމޫރާ ވިދާޅުވީ، ގިނަމީހުން އެއްތަނެއްގައި ތިބެގެން ކެއުން މަނާކުރާ އުސޫލެއް ނޯންނާނެ ކަމަށެވެ.

އަނެއްކޮޅުން، ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ކަޓްސުނޮބް ކާޓޯ ވިދާޅުވީ، ކެއުންތަކާއި ސޯޝަލް އެއްވުންތަކުގައި ބޮޑުވަޒީރު ސުގާ ބައިވެރިވެވަޑައި ގެންނެވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ކަމަށެވެ.

ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅުން ބައިވެރި ކުރައްވައިގެން ބޮޑުވަޒީރު، މިދިޔަ ހޯމަދުވަހުގެރޭ ޓޯކިޔޯގެ ރެސްޓޯރަންޓެއްގައި ފަރީއްކޮޅު ބާއްވާފައި ވެއެވެ. އެ ފަރީއްކޮޅުގައި މުޅިންވެސް ބައިވެރިވެވަޑައި ގެންނެވީ އުމުރުން 70 އަހަރުންމަތީގެ ބޭފުޅުންނެވެ.

އަންގާރަ ދުވަހުގެ ރޭވެސް ބޮޑުވަޒީރު ސުގާވަނީ، އެހެން ބޭފުޅުންތަކަކާއެކު ޓޯކިޔޯ ރެސްޓޯރަންޓެއްގައި ފަރީއްކޮޅެއް ބާއްވާފައެވެ.