ހުޅުމާލެ ފޭސް 2ގައި ހުޅުވާނެކަމަށް އެސްޓީއޯއިން ބުނެފައިވާ ފިހާރަ، އެސްޓީއޯ ރޯދަ މާޓު، ރޯދަމަހުގެ ކުރިން ހުޅުވާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އެމްޑީ މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައެވެ. އެސްޓީއޯ ރޯދަ މާޓެއް ހުޅުމާލޭ ފޭސް2 ގައި ހުޅުވާނެ ކަމަށް އެންމެ ފުރަތަމަ އަމްރު ވިދާޅުވީ މިދިޔަ ހަފުތާ ތެރޭގައި އާންމުންގެ މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އާންމުންގެ އެމީހާ ކޮށްފައިވާ ޓުވީޓުގައި ދެވަނަ ފިޔަވަހީގައި މިހާރު ހިންގަމުންދާ ފިހާރަތަކުން މުދާ ވިއްކާ އަގު ބޮޑުކަމަށް ބުނުމަށްފަހު އެސްޓީއޯގެ ފިހާރައެއް އެސަރަހައްދުގައި ހުޅުވައިދިނުމަށް އެދިފައިވެއެވެ. މިޓްވީޓަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ޝޮޕިންގ މޯލެއް އަޅަން ތައްޔާރު ވަމުންދާ ކަމަށެވެ.

އެސްޓީއޯ އިން އެފިހާރަ ހުޅުވުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެމުން ބުނެފައިވަނީ އެފިހާރަ ހުޅުވާނީ ހުޅުމާލެ ފޭސް2ގެ ވިނަރެސް ފްލެޓުގެ ތިރީގައި ކަމަށެވެ. އަދި މިފިހާރައިން ހޯލްސޭލް އާއި ރީޓެއިލްކޮށްވެސް ވިޔަފާރި ކުރެވޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ. ރޯދަމަހަށް ހާއްސަ ފިޔާ، ބިސް، އަލުވި ފަދަ ތަކެތި ފަސޭހަ ކަމާއެކު ލިބިގެންދާނެ ފިހާރައަކަށް ވާނެ ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.