ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2ގައި ހުޅުވާ އެސްޓީއޯ ރޯދަ މާޓުގެ އިތުރު މައުލޫމާތުތައް ހާމަކޮށްދެމުން އެސްޓީއޯގެ ދިގު ތާރީހުގެ ތެރެއިން ބަޔަކަށްވެސް އެކުންފުނިން ވަނީ އަލިއަޅުވާފައެވެ.

މިއަދު ހަވީރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓުވީޓެއްގައި ހުޅުމާލޭ ފޭސް 2 ގައި ހުޅުވާ "އެސްޓީއޯ ރޯދަ މާޓު" ރޯދައަށް ނިންމުމުގެ މަސައްކަތް ކުރާ ވާހަކަ ވިދާޅުވެފައެެވެ. އެސްޓީއޯ ރޯދަމާޓު މާރިޗު މަހުގެ މެދުތެރެއަށް ހުޅުވޭނެ ކަމަށް އަންދާޒާ ކުރައްވައި އަމްރު މިހެން ވިދާޅުވުމަށްފަހު އެކުންފުނިން ވަނީ ހުޅުމާލޭ ފޭސް 2 ގައި ހުޅުވޭ އެސްޓީއޯ ރޯދަމާޓުގެ އިތުރު މައުލޫމާތު ހާމަކުރުމުގެ ތެރޭގައި އެސްޓީއޯގެ 59 ވަރަކަށް އަހަރުގެ ދިގު ތާރީހުގެ ފަހަތަށް އަލިއަޅުވާލާފައެވެ.

އެސްޓީއޯ އުފެދެން ދިމާވި އަސްލު މަގުސަދަކީ އާންމު ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަމަށް ހައްލު ހޯދައިދިނުން ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަބަދުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ލިބުމުގެ ދަތިކަން އިންތިހާއަށް އިހްސާސް ކުރެވޭ ދަނޑިވަޅަކީ ރޯދަމަހުގެ ދުވަސްތައް ކަމަށާއި މިދަތިކަމަށް ހައްލެއް ގެނައުމަށް އެސްޓީއޯ އުފެދުނު ކަަމަށެވެ.

ތާރީހުގެ ތެރެއިން، 1964ވަނަ އަހަރު "އަތިރީ މާފަންނު" ނަމުން އެސްޓީއޯ އުފެދުމުގެ މައިގަނޑު އެއް އަސްލަކީ އާންމުންގެ އެފަދަ ޝަކުވާތަކާއި، ނުތަނަވަސްކަމަށް ހައްލު ހޯދައިދިނުންކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިގޮތުން މިއަދާ ހަމައަށްވެސް އެސްޓީއޯ ހިންގަމުން އަންނަނީ މިއަސްލުގެ މަތީގައި ކަމަށާއި، އެއިރެއްގައި އާންމުންނަށް ދިމާވެފަވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމަކީ އެސްޓީއޯގެ އަމާޒު ކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ މާކެޓް ޓްރެންޑްތަކަށް އަންނަ ބަދަލުތަކާއި އެކު ދިމާވެދާނެ ކަންކަމަށް ތައްޔާރު ވުމަކީވެސް އެހާމެ މުހިންމުކަމެއް ކަމަށާއި މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭކަމުގެ ޝަކުވާކަމަށް ކުންފުނިން ހާމަކޮށްފައިވެއެވެ.

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް މިވަގުތު ބަންދު ކޮށްފައި ހުރުމުން، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެކުންފުނިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ހުޅުމާލޭ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާއެވެ. އަދި އެއާއެކު މާލެއަށްދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނޭކަމުގެ ބިރާއި ރަނގަޅު ރޭޓެއްގައި ތަކެތިހޯދުމަށް ބާޒާރުމަތީ އެއްތަނުން އަނެއްތަނަށް ދުވަންޖެހިދާނޭކަމުގެ މި ނުތަނަވަސްކަމަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯ ރޯދަމާޓު ފިހާރަ ރޯދައަށް ހުޅުވޭނެ ކަމުގެ އުފާވެރި ހަބަރު މިވަނީ ޔަގީންކޮށް ދީފައެެވެ.

މި ފިހާރަ ހުންނާނީ ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ތިރީގައެވެ. އަދި މިފިހާރައިން އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދެވޭނެކަމަށާއި ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައި ވެއެވެ. އަދި ހަމައެހެންމެ މިފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތައް ލިބޭނެކަމަށާއި މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮއްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އެސްޓީއޯއިން ހުޅުވަން ހަމަޖެހިފައިވާ "ރޯދަމާޓު"ގެ ވާހަކަ އެންމެ ފުރަތަމަ އެކުންފުނީގެ އެމްޑީ ވިދާޅުވީ، މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވުމުގެ ތެރެއިން، މިމަހުގެ 13 ވަނަ ދުވަހު ޓުވީޓެއްގައެވެ.