ޖުމްހޫރީޕާޓީގެ މިހާރުގެ ނާއިބު ރައީސް އަހުމަދު ސައުދަކީ މިމަހު 24 އިން 25 އަށް ދަރުބާރުގޭގައި ބާއްވާ އެޕާޓީގެ ކޮންގްރެސްގައި ޑެޕިޔުޓީ ލީޑަރުކަމަށް ވާދަކުރައްވާ 12 ބޭފުޅުންގެގެ ތެރެއިން އެއްބޭފުޅެކެވެ.
އޭނާ ޖޭޕީއަށް ޚިދުމަތްް ކުރައްވަން ފެށްޓެވީ 2008 ވަނަ އަހަރު އިންޑިއާގައި ހުންނަވައިގެންނެވެ. ޒުވާން ހަކަތައާއެކު ޖުމްހޫރީޕާޓިގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުންނެވި އަހުމަދު ސައުދަކީ ޕާޓީގެ އެންމެ ޚދުމަތްތެރިންގެ ލިސްޓުގެ ކުރީން ޖާގައެއް ކަށަވަރުކޮށްފައިވާ އިޚްލާސްތެރި ބޭފުޅެކެވެ. އޭނާވަނީ ޖޭޕީގެ ކައުސިލް މެމްބަރުކަމާއި، ރަޖިސްޓްރާ ޖެނެރަލް ކަމުގެ އިތުރުން އެހެނިހެން މަސްއޫލުވެރި މަގާމްތައް އަދާ ކުރައްވައި ޕާޓީގެ ކުރިމަގަށް އެތައް ކަމެއްކޮށްދެއްވައިފައެވެ.
މިހާރު އޭނާއަކީ ޕާޓީގެެ ނާއިބު ރައީސެވެ. އެމަގާމުގައި ހުންނަވައިގެންވެސް ގެންދަވަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، ޕާޓީގެ އެކި ގުނަވަންތައް ވަރުގަދަކޮށް ބާރުވެރި ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޕާޓީ ތަރައްޤީ ކުރުމަށްޓަކައި ދިވެހި މީޑިއާ މެދުވެރިކޮށް އެތައް މަސައްކަތެއް އޭނާ ވަނީ ކޮށްދެއްވައިފައެވެ. އަދިވެސް އަންނަނީ ކޮށްދެއްވަމުންނެވެ.
ޕާޓީތެރެެއަށް އަންނަ ކުދިލޮޅުން ތަކުގެ ސަބަބުން ބައެއް ބޭފުޅުން ޕާޓީން ވަކިވުމާއި ޕާޓީއަށް ވަނުމުގެ ސިލްސިލާތައް ހިނގާއިރުވެސް ސައުދު ހުންނެވީ ވަރުގަދަކޮށްނެވެ. ޕާޓީގެ ދިދަ ހިއްޕަވައިގެން މެމްބަރުންްގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށެވެ. ޕާޓީ ބައިބައި ވިޔަނުދީ އެ ދިދައިގެ ހިޔަލުގައި ޖޭޕީގެ ސަފުތައް ހިކުމަތްތެރި ކަމާއެކު އަތުރާލާފައި ބޭތިއްބުމަކީ ސައުދުގެ އުފަލެވެ. ހިތްހަމަޖެހުމެވެ.
ޑިގްރީ ފެންވަރަށް ކިޔަވާ ވިދާޅުވެފައިވާ އަހުމަދު ސައުދުގެ ފާހަގަ ކޮށްލެވޭ އެންމެބޮޑު އެއް ކަމަކީ މީހުންނާ އޮންނަ ގުޅުމެވެ. ޚާއްސަކޮށް ޕާޓީގެ ގްރާސްރޫޓާ އޮންނަ ބަދަހި ގުޅުމެވެ. ދެގޮތެއް ނުވެ އެގޮތުގައި ހުންނެވުމުގެ ސަބަބުން ޕާޓީގެެ ލީޑަރޝިޕާއި އާންމު މެމްބަރުންވެސް އޭނާއާ ބާއްވަނީ އިތުބާރުން ފުރިފައިވާ އިޚްލާސްތެރި ގުޅުމެކެވެ. އެހެން ކަމުން އޭނާ ފާހަގަ ކުރެވިފައިވަނީ ޕާޓީގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށްވާ މެމްބަރުނާއި ޕާޓީދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްދެއްވާ ގްރާސް ރޫޓު ލީޑަރެއްގެ ގޮތުގައެވެ. އަބަދުވެސް އޭނާއަށް ގުޅެއެވެ. ފޯންކޯލެއް ނުނެގިދިޔަސް ފަހުން އެމީހަކަށް ގުޅައެވެ. ޕާޓީގެ ކަންކަމާބެހޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައެވެ. މަޝްވަރާ ދެއްވައެވެ.
މިފަދަ ޒުވާން ލީޑަރަކު ޕާޓީގެެ ޑެޕިޔުޓީ ލީޑަރަކަށް ކުރިމަތި ލެއްވުމުން ފޯރީގައި އޭނާ ހޮވާނެ ކަމަށް ސައުދު ކަށަވަރު ކުރެއެވެ.
ސައުދު އެންމެ ބޮޑަށް އިސްކަންދެއްވަނީ މަސްލަހަތު ހިފެހެއްުޓުމާއެކު ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެންމެން ގުޅިގެން ޕާޓީ ވަަރުގަދަކުރުމުގެ މަސައްކަތް ކުރެއްވުމަށެވެ. އެހެންކަމުން އަބަދުވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންކަން ކުރެއްވުމަށް އޭނާ އިސްކަން ދެއްވައެވެ.
"އެންމެން އެކަތިގަނޑަކަށް ވެގެން ތިބެ މަސައްކަތް ކޮށްގެން ޕާޓީގެ މަންޒިލަށް ވާސިލްވާނީ. އެންމެންނަށް އެއްބަހެއް އެކައްޗެއް ބުނެވޭނީ އެކަތިގަނޑަކަށް ވެގެން. މިކަން މިމަގުން ކުރުމަށް އަބަދުވެސް އިސްކަންދޭނަން،" ސައުދު ވިދާޅުވިއެވެ.
ސައުދަކީ ޕަބްލިކް ރިލޭޝަނާއި، ކޮމިޔުނިކޭޝަނާއި، ލީޑަރޝިޕް ކޮލިޓީ ވަރުގަދަ ބޭފުޅެކެވެ. ޖޭޕީ ފަދަ ބޮޑު ޕާޓީއެއް ހިންގާލުމުގެ ގާބިލުކަމާއި އެ ހަކަތައާއި ކެރުންތެރިކަން ހުންނެވި ބޭފުޅެކެވެ. 2008 ވަނަ އަހަރު ފެށްޓެވި ސިޔާސީ ދަތުރުން މިހާތަނަށް ހޯއްދަވައިފައިވާ ތަޖުރިބާއަކީ ޖޭޕީގެެ ޑެޕިޔުޓީ ލީޑަރުކަން އޭނާއަށް ހައްގުވާ އެއް ސަބަބެވެ. އެހެންކަމުން ޖޭޕީގެ މިހާރާއި ކުރިމަގަށް ވިސްނާފައި ކޮންގްރެސްގައި ބައިވެރިވާ އެންމެހައި މެމްބަރުން ސައުދަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގަންނަވައެވެ. ސައުދުގެ ކެންޑިިޑޭޓު ނަމްބަރަކީ 5 އެވެ.
އަހުމަދު ސައުދު ވިދާޅުވީ އޭނާގެ ސިޔާސީ ހަރަކާތް ފެށްޓެފީ ޖޭޕީން ކަމަށެވެ. އެހެންކަމުން އޭނާގެ ސިޔާސީ ހަކަތަ ޖޭޕީއަށްޓަކައި ހުސްކޮށްލުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ފޮޓޯ ދައްކައިގެން އުޅޭ މީހެއްތިޔައީ/އެއްވެސްކަމެއް ކުރެވޭ މީހެއްކަމަށް ފާހަގަ ނުވޭ